ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އިމްތިޔާޒް (އިންތި) އެމަގާމުން ވަކިކޮށްފި އެވެ.

އެޕާޓީގެ ސްޕޯކްސްޕާސަން މޫސާ ރަމީޒް ވިދާޅުވީ އިންތި މަގާމުން ވަކިކުރީ ރޭ އޮތް އެ ކައުންސިލްގެ ބައްދަލުވުމުގައި ކަމަށެވެ. ރޭ ގެ ބައްދަލުވުމުގައި އިންތި ވެސް އިންނެވި އެވެ.

މޫސަ ވިދާޅުވީ އިންތި މިދިޔަ މަހު ކައުންސިލުން ވަކިވާން ސިޓީ ވެސް ލާފައިވާ ކަމަށާއި ނަމަވެސް ފަހުން އެ މަގާމުން ވަކިވާން ބޭނުންނުވާ ކަމަށް އިންތި ބުނެފައިވާ ކަމަށެވެ. މޫސަ ވިދާޅުވި އިންތި އެގޮތަށް ބޭނުންނުވި ނަމަވެސް ޖުމްހޫރީޕާޓީގެ ގަވާއިދުގައިވާ ގޮތުން ވަކިވާނެ ކަމަށެވެ.

ކައުންސިލުން އިންތި ވަކިކުރި އިރު، ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން އޭނާ ކުރިންހުރި ރަޖިސްޓްރާ ޖެނެރަލްގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް ވަނީ އެމަގާމުން މިމަހު ކުރީކޮޅު އިސްތިއުފާ ދެއްވާފަ އެވެ.

ފެލިވަރު ކުންފުނީގެ ޗެއާމަންގެ މަގާމުގައި އިންތި ހުންނަވައިގެން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހްގީގު ނިންމާ އޭސީސީން ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން ފެލިވަރުގެ ޗެއާމަންކަމުން ވެސް އޭނާ ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް އިންތި ވަނީ އޭނާއާ މެދު ކުރާ ކޮރަޕްޝަނުގެ ތުހުމަތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.