10 Mar 2010, 15:17
19:00
އަމީނީ މަގުގައި ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާ ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ޣިއާސުއްދީން ސްކޫލް ކައިރިން އަމީނީމަގުގައި މިއަދު މެންދުރުފަހު ހިނގި އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ސަންއެފްއެމްއަށް ކިޔައިދިން ގޮތުގައި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މާފަތްތަކުރުފާނު މަގުން ބާރު ސްޕީޑެއްގައި ދިޔަ ސައިކަލެއް އަމީނީމަގު ހުރަސްކުރާ ހިސާބުގައި ހުރި ޓްރެފިކް ލައިޓަކަށް ބެލުމެއްނެތި އެ ބާރުމިނުގައި ދުއްވާފައި ދިއުމުގެ ސަބަބުންނެވެ. އަމީނީމަގުން ދުއްވާފައި ދިޔަ ކާރުގެ ކުރީގައި އެ ސައިކަލް ޖެހި، ސައިކަލް ދުއްވަން އިން ދެ މީހުން ވެސް ވިއްސައިގެން ގޮސް ކާރުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. އަދި ސައިކަލް ދުއްވަން އިން މީހާގެ ބޯފަޅައިގެން ގޮސް ބޮލުގެ ބައެއް އިސްތަށިތައްވެސް އެ ބިއްލޫރިގަޑުނގެ ތެރެއަށް ވަދެފައިވާ ކަމަށާއި ނަމަވެސް ދެ މީހުންވެސް ފިލަން ދުއްވައިގަތް ކަމަށް އޭނާ ބުންޏެވެ. ސައިކަލް ދުއްވަން އިން މީހާ ބޯފަޅައިގެންގޮސް ހަށިގަނޑުގެ އެކި ހިސާބުތަކުން ލޭ އަންނަން ފެށުމުން ވަކި ހިސާބަކުން އޭނާގެ ހަރަކާތްތައް ހުއްޓި މަގުމައްޗަށް ވެއްޓުމުން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ކާރުގެ ޑްރައިވަރު ކިޔައިދިނެވެ. ނަމަވެސް ސައިކަލުގައި ފަހަތުގައި އިން މީހާ ފިލާފައިވާ ކަމަށް ޑްރައިވަރު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެކްސިޑެންޓުގައި ފިލާފައިވާ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށެވެ.