އަންނަ ހުކުރު ދުވަސް ކަމުގައިވާ އަލްހާ އީދު (ބޮޑު އީދު) ބަންދާ ގުޅިގެން ދަތުރުކުރާ ދޯނިތަށް ޗެކްކުރުމަށް ސިފައިންނާ ފުލުހުން ގުޅިގެން އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް އަބްދުﷲ އަލީ ވިދާޅުވީ އެ އޮޕަރޭޝަންއަކީ އީދު ބަންދާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރާނެތީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުންނާއި ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ ގޮތުން ކުރިއަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

"އޮޕަރޭޝަންގައި އިއްޔެ ވަނީ 14 އުނޅަދެއް ޗެކްކޮށްފައި ނަމަވެސް އެއްވެސް މައްސަލައެއް ހުރި އުޅަދެއް ނެތް، ދެން އަޅުގަނޑުމެން މިބަލަނީ ގަވާއިދާއެގޮތަށްތޯ ހުރީ" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެންޑީއެފުން ކުރިއަށް ގެންދާ އެފަދަ އޮޕަރޭޝަން ތަކުގައި އުޅަނދުފަހަރުގެ ނެވިންނާއި، ވެރިފަރާތުން ކޯސްޓްގާޑަށް އެއްބާރުލުން ދެއްވާ ކަމަށާއި އެހެން ކަމުން މިފަހަރުވެސް އެބާރުލުން ދިނުމަށް އެދޭ ކަމަށެވެ.