ވާލްޑް އެނާޖީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިނަމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެއްގައި ދެމެހެއްޓެނިވި ތަރައްގީ އަށް ޓަކައި ހަކަތައިގެ ހަރުދަނާ ސިޔާސަތެއް އޮތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ޖީޑީޕީގެ 20 އިންސައްތަ ޚަރަދުކުރަން ޖެހިފައި ވަނީ، ޑީސަލުން އުފައްދާ ކަރަންޓަށާއި އެއްގަމު އުޅަނދުފަހަރުގެ ދަތުރުފަތުރަށްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، މިއީ، ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ހަކަތައިގެ ބާވަތެއް ނޫން ކަމުގައި ރައީސް ވިދާޅުވި ކަމަށެވެ.

ޤައުމުގެ އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުމަށް ކުރިމަތިވެފައި އޮތް އެންމެބޮޑު ހުރަހަކީ، ތެލަށް ޚަރަދުކުރަން ޖެހިފައިވާ މިންވަރު އިތުރުވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ކާބަން ބޭނުންކުރެވޭ ނިސްބަތް މަދު އިޤްތިޞާދެއް ބިނާކުރުމަށް ޓަކައި އެކަމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައި، ޚާއްޞަ ޕްރޮގްރާމެއް ފަށްޓަވައިގެން، ކުރިއަށް ގެންދަވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.