އަލަށް އެކުލަވާލައި ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 5000 މީހުން ހަމަވެގެން ކަމާއި އަދި ޕާޓީތަކަށް ބަޖެޓުން ފައިސާ ދޫކުރެވޭނީ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވެގެން ކަމަށް ކަނޑައެޅުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފި އެވެ.

އެ ކޮެމެޓީން މިހާރު ދިރާސާ ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބިލް ދިރާސާކުރުމަށް އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުމުގައި އެ އުސޫލުތައް ކަނޑައެޅުމަށް ފެންނަ ކަމަށް ފާސްވެފައި ވަނީ ކޮމެޓީގެ ސާފު އަޣުލަބިއްޔަތުންނެވެ.

އެގޮތަށް މެންބަރުން ނިންމެވީ ގިނަ ބަހުސްތަކަކަށް ފަހު އެވެ. ބަހުސްގެ މަރުހަލާގައި މެންބަރުން އެންމެ ބޮޑަށް ބަހުސް ކުރެއްވީ ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާގެ އެހީ ނުދިނުމުގެ މައްސަލައާ މެދު އެވެ.

މިނިވަން މުޢައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނަށް ޢަމަލުކުރަން ފަށާއިރު 5000 މީހުންނަށް ވުރެ މަދުން މެންބަރު ތިބި ޕާޓީ ތަކަށް މީހުން ހަމަ ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތު ދެވޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެ އަދަދު ހަމަނުކުރެވޭ ޕާޓިތައް އުވާލެވިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ފާސްވާ ފަހުން ރަޖިސްޓްރީ ކުރާ ޕާޓީތަކުގެ މެންބަރުންގެ އަދަދު 5000 މީހުންނަށް ވުރެ ދައްވެއްޖެ ނަމަ އެ އަދަދު ހަމަކުރަން ތިން މަސް ދުވަހުގެ މުއްދަތު އެ ޕާޓީ އަކަށް ދެވޭނެ ކަމަށް ބިލްގައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި އަދަދު ހަމަނުކުރެވިއްޖެ ނަމަ އެ ޕާޓީއެއް އުވިގެންދާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކަށްދޭ މާލީ އެހީ 10،000 މީހުން ހަމަވާ ޕާޓީތަކަށް ދިނުމަށް ބިލްގައި ކަނޑައެޅި މައިގަނޑު ސަބަބެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ނިސްބަތުން 10،000 މީހުންގެ ޖަމާޢަތަކީ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ބައެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި އެވަރުގެ ނުފޫޒް ގަދަ ޖަމާޢަތަކަށް ދައުލަތުން ފައިސާ ދިނުމަކީ އެ ޖަމާޢަތެއް ކުރިއަށް ދިޔުމަށް މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.

އެ ގާނޫނުގެ ދަށުން ފައިސާގެ އެހީ ބައެއް ޕާޓީތަކަށް ނުލިބުނު ނަމަވެސް އެ ޕާޓީތަކަށް ވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ހައްގު އުނިނުވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.