ގައުމީ ޔުނިވާސިޓީގެ ޝަރީއާ އެންޑް ލޯ ފެކަލްޓީ ހިންގާ، ބާ ޖަމާލުއްދީނާއި އިންވެގެން ހުންނަ، ޖަމާލުއްދީން ސްކޫލުގެ އިން ވަކިކުރަން ފާރެއް ރޭނުމަށް ކަމަށް ބުނެ ޖަމާލުއްދީން ސްކޫލުގެ ޕީޓީއޭ މެންބަރުން ނުކުމެ ދެ އިމާރާތް ދޭތެރެ ކޮންނަން ފެށުމުން މައްސަލަ ހޫނުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީއާ ޖަމާލުއްދީން ސްކޫލާ ދެމެދު އަރައިރުން އެފެދިފައިވާ އެ ބިމުގެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ ދެ އިމާރާތުގެ ދެމެދު ކޯރު ކޮންނަން ނުކުމެފައިވަނީ ޕީޓީއޭގެ މެމްބަރުންނެވެ. ސަންގެ ޖާނަލިސްޓުން އެ ސަރަހައްދަށް ދިޔައިރު އިންފާރު ވަކިކުރުމަށް ފާހަގަ ޖެހުމަށްފަހު އެތަނުގައި އަތުރާފައި ހުރި ގާތައް ނަގައިގެން ޕީޓީއޭގެ މެންބަރުން ދިޔައީ ދެ އިމާރާތުގެ ދޭތެރޭ ކޯރު ކޮންނަމުންނެވެ. ނަމަވެސް ޝަރީއާ އެންޑް ލޯގެ ކުދިން ރުޅިގަދަވެ، ކޮނުނު ކޯރަށް ދިޔައީ ފަސްއަޅައި ފޮރުވަމުންނެވެ.
އިންފާރު ވަކި ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ޖަމާލުއްދީން ސްކޫލް ޕީޓީއޭގެ ނައިބު ރައީސް އަހުމަދު ސައީދު ވިދާޅުވީ އެތަން ހުސްކޮށްދިނުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި އެކަމުގެ ވާހަކަ އެތަށް ފަހަރަކު ސިޓީ ފޮނުވައިގެން ވެސް ޔުނިވާސިޓީގައި އެދިފައިވާނެ ކަމަށެވެ. އޭގެ ގިނަ ސިޓީތަކަށް ޖަވާބުވެސް ނުދޭކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ސިޓީ ކައުންސިލަށް އިންވަކި ކޮށްދިނުމަށް އެދުނީމަ އެބޭފުޅުން ވިދާޅުވީ ފޯމެއްލާން. ފޯމު ފުރާފަ ލީމަ އެބޭފުޅުން ވިދާޅުވީ މިތަނުގައި ކޯރު ކޮނެލާފައި އެންގީމަ އެބޭފުޅުން އައިސް މިތަނުގެ އިން ވަކި ކޮށްލަދޭނެ ވާހަކަ،" ޖަމާލުއްދީން ސްކޫލް ބޯޑުގެ ނައިބު ރައީސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެކަން ސުލްހަ ވެރިކޮށް ހައްލުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ޗާންސެލާއާ ބައްދަލުކޮށް ވެސް އެވާހަކަ އެތަށް ފަހަރަކު ދައްކާފައިވާނެ ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރިކަމާއެކު މިކަން ކުރަން. ހަމައެކަނި އިންވަކި ކޮށްލަން މިވަގުތަށް ބޭނުންވަނީ. އިތުރު އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނުވޭ،" ސައީދު ވިދާޅުވި އެވެ.

ބާ ޖަމާލުއްދީނުގެ އިމާރާތް ޔުނިވަސިޓީއާ ސަރުކާރުން ހަވާލުކޮށްފައިވަނީ މީގެ 12 އަހަރު ކުރިންނެވެ. ޖަމާލުއްދީން ސްކޫލްގެ ބެލެނިވެރިއަކު ބުނީ 2010 ވަނަ އަހަރު އެއް ދަންފަޅިއަށް ޖަމާލުއްދީންގެ ކިޔެވުން ބަދަލު ކުރުމާއި ގުޅިގެން ޖާގައިގެ ދަތިކަން ކުރިމަތިވާން ފެށުމުން ބާ ޖަމާލުއްދީންގެ އެއްފަޅި ޖަމާލުއްދީނަށް ސަރުކާރުން ދީފައިވާ ކަމަށެވެ.

ވަރަށް ގިނަ ދަރިވަރުން ކިޔަވަމުންދާ ފެކަލްޓީގެ އިންފާރު ވަކި ކުރާއިރު ޔުނިވާސިޓީގެ ދެ ފެކަލްޓީ އާއި ސެންޓާ ފޯ އޯޕަންލާނިން އާއި ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައި ހިމެނެ އެވެ.

ފެކަލްޓީގެ ވައިސް ޗާންސެލާ ފައްޔާޒު އަލިމަނިކު މިއަދު ވިދާޅުވީ ދަރިވަރުންނަށް ތިބެވޭނެ އިތުރުތަނެއް ނެތިއްޔާ ނުކުމެގެން އިތުރު ތަނަކަށް ދެވެން ނެތް ކަމެވެ. އަދި އެކަން ސަރުކާރަށް ވެސް އަންގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތީ ގޮތުން ވަންނާނެ ތަނެއް ނުވަތަ ދާއިމީކޮށް ތިބެވޭނެ ތަނެއް ދެއްކުމަށް ވެސް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

"ސަރުކާރުގެ މުއައްސަސާތަކަށް ދަންނަވައިގެން މިއުޅެނީ މިކަމަށް ސުލްހަވެރި ހައްލެއް ހޯދޭތޯ. މިދެތަނަކީ ވެސް ސަރުކާރުގެ ދެތަން. އެހެންވީމަ ސަރުކާރުގެ ޒިންމާއެއް އެބައޮތް މިކަން ހައްލުކޮށްދެން. އަޅުގަނޑުމެން މިތަނުން ނުކުންނަން ޖެހެންޏާ ދާނެ ތަނެއް ވެސް ހަމަޖައްސަން އެބަޖެހޭ. ހަމައެގޮތަށް އެބޭފުޅުން އެތަން ބޮޑު ކުރަންބޭނުން ކަމަށް ވަންޏާ އެކަން ކުރެވޭނެ ގޮތެއް ވެސް ހަމަޖައްސަން އެބަޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ފަރާތަކުން ހަމަނުޖެހުން ހިންގާ ޒުވާބު ކޮށްގެން ނުވާނެ ކަމަށާއި އެ ފަރާތްތަކުގެ މައްސަލަތަކުގައި ޒިންމާވާނެ މުއައްސަސާތައް ހުންނާނެ ކަމަށެވެ. އަދި އެކަން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް ހުށަހަޅެމުން ކުރިއަށްގެންދާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.