އެފްއޭކަޕް ފުޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލިބުނުން އުފާވާ ކަމަށާއި ހަމައެޔާ އެކު ދެން މާޒިޔާ އިން އެންމެ އިސްކަމެއް ދޭނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށް ކޯޗް އިސްމާއިލް މަހެފޫޒް (އިންމަ) ބުނެފި އެވެ.

ކްލަބް އީގަލްސް އަތުން 2- 1 އިން މޮޅުވެ އެފްއޭކަޕުގެ ޗެމްޕިއަންކަން ރޭ މާޒިޔާއިން ހޯދި މެޗަށް ފަހު އިންމަ ބުނީ، މެޗުން މޮޅުވުން އުފާވާ ކަމަށާއި މެޗުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. މިކާމިޔާބީ އަކީ ތާރީހީ ކާމިޔާބީއެއް. އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް މެޗު ކާމިޔާބު ކުރުމަށް ކުޅުންތެރިން ކުރި މަސައްކަތައް މަރުހަބާ ކިޔަން. މިއީ ހަމަ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް،" އިންމަ ބުންޏެވެ.

އިންމަ ބުނީ، އަންނަ އަހަރުގެ އޭއެފްސީ ކަޕުން މާޒިޔާއަށް ޖާގަ ލިބުމުން އެ މުބާރާތައް ދުރާލާ ތައްޔާރު ވާނެ ކަމަށާއި އެގޮތުން މާޒިޔާގެ ވިސްނުން ހުރީ އޭއެފްސީ ކަޕުން ވެސް ރަނގަޅު ނާތީޖާއެއް ހޯދުން ކަމަށެވެ. އަދި ރޭގެ މެޗުގައި ޓީމުގެ ސަޕޯޓަރުން ކުރި ސަޕޯޓަށް ވެސް އިންމަ ވަނީ މަރުހަބާ ކިޔައިފަ އެވެ.

"މިއަހަރުގެ ސީޒަނާ މާޒިޔާ އިން ކުރިމަތި ލީވެސް އުންމީދަކާއެކު. އެ އެންމީދު މިއަދު ހާސިލްވެއްޖެ." ސެމީ ފައިނަލް މެޗުގައި ރެފްރީގް ނިންމުމާ ދެކޮޅު ހެދުމުން ބެންޗުން ބޭރުގައި ރޭ އިން އިންމަ ބުންޏެވެ.

މިއީ މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގެ ތައްޓެއް ލިބުނު ފުރަތަމަ ފަހަރެވެ.

ހުސްވި އަހަރު ވެސް ފައިނަލް ކުޅުނު މާޒިޔާގެ ދެ ލަނޑު ވެސް ރޭގެ މެޗުގައި ޖެހީ އެ ޓީމުގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މާޒިޔާ ފުރަތަމަ ހާފުގައި ލަނޑު ޖަހާފައިވަނިކޮށް އީގަލްސް އަށް ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްދިނީ ޔޫސުފް ރަމީޒެވެ. މާޒިޔާ މޮޅުވި ލަނޑު އައްމަޑޭ ޖެހީ ދެ ވަނަ ހާފުގަ އެވެ.

ރޭގެ މެޗާއެކު މި އަހަރުގެ ފުޓްބޯޅަ ސީޒަން ވަނީ ނިމިފައިވާ އިރު، ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ ނިއު ރޭޑިއަންޓެވެ. އެގޮތުން ނިއު ވެސް ވަނީ މާޒިޔާ އާ އެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދާފައެވެ.