ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ރޭ ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކް އަތުން 2-1 ލަނޑުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިވެއްޖެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ޝަކްތާ ޑޮނެސްޓްކް އިނެވެ. އެ ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި ޝަލްތާއަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު އެލެކް ޓެޒެއިރާ އެވެ. އަދި ޗެލްސީގެ މައްޗަށް ޝަލްތާ އިން ލީޑް ނެގި ލަނޑު ދެ ވަނަ ހާފުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ފާނަންޑީނިއޯ އެވެ.

ރޭގެ މެޗުގައި ޝަކްތާ ކޮޅަށް ޗެލްސީއިން ޖެހި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ބްރެޒިލްގެ ޑިފެންޑަރު އޮސްކާ އެވެ.

ރޭ ޗެލްސީ އަތުން ޝަކްތާއަށް ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ މަގާމް އެ ޓީމަށް ވަނީ ލިބފަ އެވެ. އެގޮތުން ގްރޫޕްގެ އެއް ވަނަ މަގާމުގައި ޝަކްތާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި ޗެލްސީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތްއިރު، ތިން ވަނަ މަގާމްގައި އޮތީ ތިން ޕޮއިންޓާ އެކު ޔުވެންޓަސް އެވެ. އަދި ގްރޫޕްގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ނޯޑްސްއެލެންޑެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ގްރޫޕް އީގެ ދެ ވަނަ މެޗަށް ބަލާ އިރު، އިޓަލީ ޗެމްޕިއަން ޔުވެންޓަސް އާއި ޑެންމާކުގެ ނޯޑްސްއެލެންޑް ބައްދަލުކުރި މެޗް ނިމުނީ 1- 1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. އަދި ގްރޫޕް އެފްގައި ރޭ ލިލް އަތުން 1- 0 އިން ބަޔާން މިއުނިކް މޮޅުވި އިރު ބޭޓް އަތުން ވެލެންސިއާ ވަނީ 3- 0 އިން މޮޅުވެފަ އެވެ. އަދި ގްރޫޕް ޖީގައި ސެލްޓިކް އަތުން 2-1 ލަނޑުން ބާސާ މޮޅުވެ، ގްރޫޕްގެ އެއް ވަނާގައި ހަމަޖެހިލި އިރު، ގްރޫޕް އެޗްގައި ބަރަގާ އަތުން އަތުން 3-2 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ، އެޓީމް ވެސް ވަނީ ގްރޫޕްގެ އެއް ވަނަ މަގާމް ގައި ހަމަޖެހިލައިފަ އެވެ. އެގޮތުން ގްރޫޕްގެ އެއް ވަނަ މާގާމް ގައި ޔުނައިޓެޑް އޮތީ ނުވަ ޕޮއިންޓާ އެކު އެވެ.