24 Oct 2012, 11:57
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީގެ އިމާރާތަށާއި ވީޓީވީގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާ ދިމާލަށް ގާއުކުމުގެ ކުށުގައި އަށް މީހަކު ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވާފައި ވަނީ ހ. ލަދުމާގެއާގޭ އަހުމަދު ނައީމާއި ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދާއި މ. ނޫރުޒޭރު ހުސެއިން ޝިފާއު ޖަމީލާއި އއ. ފެރިދޫ އާޒާދުގޭ ޣާނިމް ހަސަނާއި ރ. އަލިފުށީ ހަމީދީމަންޒިލް އަހުމަދު ހަމީދާއި ހަމަ އެގޭ ހުސެއިން ހަމީދާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު، 50ގެ އިތުރުން ގ. ހާލަމް އަހުމަދު މުހީންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ އެ މީހުންގެ ތެރެއިން މުހައްމަދު ހަމީދާއި އަހުމަދު މުހީން އާއި ޝިފާއު ޖަމީލު ވީޓިވީގެ އިމާރާތަށާއި ވީޓީވީގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާއި ދިމާލަށް ގާއުކި މަންޒަރު ދުށް ކަމަށް ތިން މީހަކު ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އަހުމަދު ހަމީދާއި ހުސެއިން ހަމީދާއި އިސްމާއިލް ހައްމާދާއި ޣާނިމް ހަސަން ވެސް ގާއުކި މަންޒަރު ދުށްކަމަށް ދެ މީހަކު ހެކިބަސް ދީފައިވާ އިރު ދައުލަތުން ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފްޓޭޖްތަކުން ވީޓީވީގެ އިމާރާތަށް ގެއްލުން ލިބިފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މާޗް 19 ވަނަ ދުވަހުގެ 10:30ގައި ފެމެލީ ކޯޓުގައި އޭނާ ހުރިކަމަށް އެމީހުންގެ ތެރެއިން އަހުމަދު ނައީމް ހުށަހެޅި ލިޔުމުން އެނގެން އޮތް ނަމަވެސް ހާދިސާ ހިނގި ވަގުތަކީ އެދުވަހުގެ 10:30 ކަމުގައި ދައުވާގައި ދައުލަތުން ބަޔާންކޮށްފައި ވަނީ ލާފާކޮށްފައި ކަމަށެވެ.
މާޗް 19 ވަނަ ދުވަހުގެ ހެނދުނު 10:30 އިންފެށިގެން 11:00 ޖަހަންދެން އޭނާ ހުރީ ފެމެލީ ކޯޓުގައި ކަން ސާބިތުކުރުމަށް އަހުމަދު ނައީމް ވަނީ އެ ކޯޓުގެ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފަ އެވެ.
އެ ދުވަހުގެ 10:30 އިން ފެށިގެން 11:00 ޖަހަންދެން ފެމެލީ ކޯޓުގައި އޭނާ ހުރިކަމަށް ފެމެލީ ކޯޓުގެ ލިޔުމުން އެނގެން އޮތް ނަމަވެސް އެ ލިޔުމަކީ އޭގޭ ފަހުން އޭނާ އެފަދަ ކަމެއް ނުކުރާކަން ސާބިތުކޮށްދޭ ވަރުގެ ހެއްކެއް ނޫން ކަމަށް ވެސް ހުކުމް އިއްވަމުން ގާޒީ ވިދާޅުވި އެވެ.
އެ އަށް މީހުން ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މާނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ.
ވީޓީވީ އަށް ގާއުކުމުގެ ކުށުގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނިމިފައި ނުވެ އެވެ.
ސަކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި މި މީހުންގެ ތެރެއިން ޝިފާއު ޖަމީލްގެ މައްޗަށް ދައުވާ ކުރުމަށް ދާދިފަހުން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.