ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްސަލަ ބަލައްވައި ތިން ފަޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ހާޒިރުވާން އެންގި ނަމަވެސް އެ ކޮމެޓީއަށް އެ ފަޑިޔާރުން ހާޒިރެއްނުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އެއްވެސް ފަޑިޔާރަކު މިއަދުގެ ކޮމެޓީއެއް ހާޒިރުވެ ވަޑައި ނުގެންނެވި ކަމަށާއި އަދި ސަބަބެއް އަންގާފައި ނެތް ކަމަށެވެ.

ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު 11:00 ޖަހާއިރަށެވެ. މީގެ ކުރިންވެސް ފަޑިޔާރުން އެ ކޮމެޓީއަށް ހާޒިރުކުރުމަށް މަސައްކަތް ކުރި ނަމަވެސް އުޒުރުވެރި ވާކަމަށް ވިދާޅުވެ ފަޑިޔާރުން އެ ކޮމެޓީއަށް ހާޒިރުވެ ވަޑައިގެންފައެއްނުވެ އެވެ. އެތިން ފަޑިޔާރުން ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ ކޯނީ ރިޕޯޓްގެ ދިރާސާއަކަށް ކަމަށް ބުނެ އެވެ.

ފަޑިޔާރުން ކޮމެޓީއަށް ހާޒިރުކުރާ މައްސަލައިގައި މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާއާ ދެމެދު ވަނީ ހިޔާލުތަފާތުވެފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވާން މީގެ ކުރިން އަންގާވާފައި ވަނީ ފަޑިޔާރުން ކޮމެޓީއަށް ހާޒިރުނުކުރެވޭނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް މަޖިލީހުގެ ރައީސްއަށް ލަފާދެއްވާފައި ވަނިކޮށެވެ.

ޝާހިދުގެ ނިންމެވުން ދިފާއުކޮށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމާއި މަޖިލީހުން ކަޑައަޅާ ގޮތެއްގެ މަތީން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ހެކިބަސް ދިނުމަށް ކޮންމެ މީހަކަށްވެސް އެންގުމުގެ ބާރު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ.

މީގެ ކުރިންވެސް ސްޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީން ވެސް ބަޔާން ނެރެ ބުނެފައި ވަނީ އެކި ފަރާތްތަކަށް ފަޑިޔާރުން ޖަވާބުދާރީ ކުރުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.