14 Sep 2010, 10:21
15:23
ރައީސުލްޖުމްހޫރިއްޔާ ތަސްދީކު ނުކުރެއްވި ނަމަވެސް، މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް އިއްޔެއިން ފެށިގެން ސަރުކާރުން އަމަލުކުރަންޖެހޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
ތަސްދީގު ކުރެއްވުން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި މި ބިލް ތަސްދީގު ކުރެއްވުމަށް ޤާނޫނު އަސާސީގައި ވަކި މުއްދަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވައި، މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ދެވަނަ ފަހަރަށް ފާސްކޮށް ތަސްދީގު ކުރެއްވުމަށް ފޮނުވާ ބިލެއް ގާނޫނު އަސާސީގައި ބުނާ ފަނަރަ ދުވަހުގެ ތެރޭގައި ތަސްދީޤުކުރެއްވުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ކަމަށެވެ. އަދި އެބިލު ރައީސް ތަސްދީގު ނުކުރައްވައި ފަނަރަ ދުވަސް ހަމަވުމުން، އެ ބިލު ރައީސް ތަސްދީޤު ކުރެއްވީކަމަށް ބެލުމަށް ޤާނޫނުއަސާސީ ބުނާ އުސޫލު އެ ބިލުގެ މައްޗަށް ހިނގާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ޤާނޫނުއަސާސީގެ 91 ވަނަ މާއްދާއާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވެފައިވަނީ، ބިލު ތަސްދީގު ކުރެއްވުމަސް އެ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ދީފައިވާ ފަނަރަ ދުވަހުގެ މުއްދަތަކީ، ފުރަތަމަ ފަހަރަށް ތަސްދީގު ކުރެއްވުމަށް ފޮނުއްވާ ބިލެއް ތަސްދީގު ކުރެއްވުމަށާއި، މަޖިލީހަށް ފޮނުއްވައިލުމަށާއި، ނުވަތަ އަޅުއްވައިނުލައްވައި ބިލު ބާއްވައިގެން ހުންނެވުމަށް ލިބިދޭ މުއްދަތެއްކަށެވެ. ނަމަވެސް ތަސްދީގު ކުރެއްވުމަށް ރައީސަށް ލާޒިމުކޮށް ފާސްކުރާ ބިލުތައް، ރައީސް ތަސްދީގު ނުކުރެއްވި ނަމަވެސް ގާނޫނު އަސާސީގައި އެ ބުނާ ފަނަރަ ދުވަހުގެ ތެރޭގައި ތަސްދީގު ކުރެވިގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ކުރީގެ އެޓާނީ ޖެނެރަލް އަދި މަޝްހޫރު ގާނުނީ ވަކީލު އާޒިމާ ޝުކޫރު ވިދާޅުވީ، ތަސްދީގު ކުރެއްވުމަށް ރައީސަށް ލާޒިމިކޮށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފިނަމަ އެބިލު ތަސްދީގުނުކޮށް ހިފެހެއްޓުމުގެ އެއްވެސް ފުރުސަތެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ފަނަރަ ދުވަހަކީ، ފުރަތަމަ ފަހަރަށް ތަސްދީގު ކުރުމަށް ފޮނުވާ ބިލުތަކަށް ލިބިދޭ މުއްދަތެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި ތަސްދީގު ކުރެއްވުން ލާޒިމުކޮށް ފާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނެ ކަމަށް ގާނޫގައި ބުނެފައިވާތީ، އެފަދަ ބިލުތައް ވަގުތުން ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ތަސްދީގު ނުކުރެއްވުމަށް ރައީސް ނަޝީދަށް ދެއްކެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި އެފަދަ ބިލެއް ތަސްދީގު ނުކުރައްވައި އެ ބިލުގައިވާ ގޮތާ ހިލާފަށް ކަންކަން ކުރުމަކީ ގާނޫނާ ހިލާފްވުން ކަމަށާއި، އެގޮތަށް ކުރައްވާ ކަންތައް ބާތިލްކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭ ކަމަށާއި އެކަމާ އިދިކޮޅަށް ދެއްކޭނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ދައުލަތުގެ މުދަލެއް އެއްވެސް ފަރާތަކަށް ދޭން ވާނީ ނުވަތަ ވިއްކާލަން ވާނީ ނުވަތަ ކުއްޔަށްދޭން ވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް ކަނޑައަޅައި، އޯގަސްޓްމަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫއިއްޔާއަށް ފޮނުވާފައި ވަނީ އޯގަސްޓް ނަވާވީސް ވަނަ ދުވަހު އެވެ.
ސަރަހައްދީ އޮންލައިން ނޫހެއް ކަމަށްވާ އޭޝިއަން ޓްރިބިއުނަށް ބުދަ ދުވަހު ދެއްވާފައިވާ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މާލިއްޔަތުގެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމުން، އަނެއްކާ ވެސް އެ ބިލު 39 ވޯޓުގެ އަޣުލަބިއްޔަތުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ފޮނުވި ކަމަށާއި ނަމަވެސް، އެގޮތަށް ފޮނުވާ ބިލުތައް ތަސްދީގު ކުރެއްވުމަށް ވަކި ވަގުތެއް ޤާނޫނު އަސާސީގައި ބުނެފައި ނޯންނާނެ ކަމަށެވެ.
ބައެއް ހާލަތްތަކުގައި އެކަން ކުރައްވަންވީ މުއްދަތު ބަޔާންކޮށްފައި އޮންނަ ކަމަށާއި އެ ބިލު ތަސްދީގު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެކަން ކުރައްވާނީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހުކަން ވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.