24 Oct 2012, 10:36
ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އަށް އަލަށް ގެނައުމަށް ނިންމި 152 ގޮނޑީގެ އޭ- 320 އެއާބަސް، ބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.
އެ ބޯޓު އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހެނދުނު 10:30ގައި ޖެއްސުމާ އެކު އެ ބޯޓަށް މަރުހަބާ ކިޔާފައި ވަނީ ސަރުކާރުގެ މިނިސްޓަރުންނާއި އައިލެންއޭވިއޭޝަންގެ އިސް ފަރާތްތަކުންނެވެ.
މިއީ އެ އެއާލައިން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަންގެ ތާރީހުގައި އޭއާބަސް މަރުކާގެ ބޯޓެއް އެ ކުންފުންޏަށް ގެނައި ފުރަތަމަ ފަހަރެވެ.
އަލަށް ގެނައި ބޯޓު ރާއްޖެ ގެނައުމުގެ ގޮތުން މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސާވިސަސް އަށް އެއާއޮޕަރޭޓާ ސެޓްފިކެޓް ވަނީ ހަވާލުކޮށްފަ އެވެ.
ސިވިލް އޭވިއޭޝަންގެ ފަރާތުން ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އެގްޒެކްޓިވް ހުސެއިން ޒަރީރެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު އަބުދުލް ހާރިޝް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ މިއަދަކީ އައިލެންޑް އޭވިއޭޝަންގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެއް ކަމަށާއި މިއަދު ގެނައި އެއާބަސް ބޯޓަކީ އެކުންފުނީގެ މުއައްޒިފުންގެ މަސައްކަތުންނާއި މީގެ ކުރިން އެކުންފުނި ހިންގެވި ބޭފުޅުންގެ އެހީތެރިކަމާ އެކު ގެނެވުނު ބޯޓެއް ކަމަށެވެ. އަދި އެކަމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ބަންދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ ގައުމީ އެއާލައިންނުން އެއާބަސް 320ގެ ބޯޓެއް ގެނައުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަނުން ހާސިލްކޮށްފައިވާ ކާމިޔާބީތައް ހާސިލްކުރުމަށް ޓަކައި އެކުންފުނީގެ ކުރީގެ މެނޭޖްމަންޓާ މިއަދުގެ މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތަކީ ނަމޫނާއެއް ކަމަށެވެ.
"އަޅުގަނޑުމެން ފަތުރުވެރިކަމުގެ ދާއިރާގައި އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރަމުންދާ އިރު ހިތާމައެއް އަޅުގަނޑުމެންގެ ގައުމީ އެއާލަނެއް ނެތުމަކީ. އެހެން ހުރިހާ އެއާލައިންތަކަކުން އޭގެ ފައިދާ ނަގަމުންދާއިރުގައި އަޅުގަނޑުމެންގެ ގައުމީ އެއާލައިން މިހިސާބަށް އައުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އަދީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށްގެނައި ބޯޓާ އެކު މީގެ ކުރިން އައިލެންޑް އޭވިއޭޝަނުން ދަތުރުނުކުރާ މަންޒިތަކަށް ދަތުރުކުރެވުމަކީ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ސަރުކާރު އޮތީ ގައުމީ އެއާލައިންގެ ފަހަތުގައި ކަމަށެވެ.
ސްޕެއިން އިން ފުރައިގެން ދޯހާގައި ޖެއްސުމަށް ފަހު ރާއްޖެ އައި އެ ބޯޓުގައި މޯލްޑިވިއަންގެ ނިޝާންޖަހައި ދަތުރުތައް ފަށަން ބޯޓު ވަނީ މުޅިން ތައްޔާރުކޮށްފަ އެވެ. އަދި އެ ބޯޓުގައި މަސައްކަތްކުރާނެ ކެބިން ކުރޫންނާއި ޕައިލެޓުން ވެސް ވަނީ އެ ކުންފުނިން ތަމްރީންކޮށްފަ އެވެ.
އެ ބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ. އަދި އެ ބޯޓް ރާއްޖެ ގެނައުމާ އެކު މިއަންނަ މަހުގެ ތެރޭގައި މޯލްޑިވިއަނުންއާ މަންޒިލްތަކަށް ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ. އެ މަންޒިލްތަކަކީ އިންޑިއާގެ މުންބާއީ އާއި ޗެންނާއީގެ އިތުރުން ބަގްލަދޭޝްގެ ޑާކާ އެވެ. އާ މަންޒިލްތަކަށް ދަތުރުތައް މިއަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު މިހާރު ވަނީ ޓިކެޓް ވެސް ވިއްކަން ފަށައިފަ އެވެ.