24 Oct 2012, 10:39
ދިވެހިރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ރާއްޖެ ގެނައުން މަނާ ކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ބިލް ހުށަހަޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ.
ބިލް ހުށަހަޅުއްވަމުން ނާޒިމް ރަޝާދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނިކޮށް، ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށެވެ.
ގާނޫނު އަސާސީގައި އެހެން ބުނެފައިވަނިކޮށް، ރަލާއި އޫރު މަސް ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށް ޓަކައި އެ ގާނޫނަށް އިސްލާހު ހުށަހަޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި އިންތިހާއަށް ބަނގުރާ އާންމުވެފައިވާ ކަމަށާއި މުޖުތަމައުގައި އާންމުވެފައިވާ ބޮޑެތި ކުށްތަކުގެ އަސްލަކީ ބަނގުރާ ކަމަށް ނާޒިމް ރަޝާދު ވިދާޅުވި އެވެ.
"ބަނގުރަލަކީ ގޭގޭ ސިޓިން ރޫމްތަކުގެ ފްރިޖްތަކުން ވެސް ބޭނުން ކޮންމެ ވަގުތެއްގައި ލިބޭ އެއްޗެއް ކަމަށް ބާޒާރުމަތިން ތުންތުންމަތިން ދައްކާ ވާހަކަތަކުން ވެސް އަޑުއަހަން. ބަނގުރަލަކީ ސްކޫލް ކުދިންގެ އިންޓޯލަށް ގެންގޮސް ބޯލަން ބޭނުން ކުރާ އެއްޗެއް ކަމަށް ވެސް އަޑުގަނޑުމެންނަށް އަޑުއިވެމުންދޭ. މި ހުރިހާކަމެއް މިހެން ހުރި އިރުގާ އަޅުގަނޑުމެން ނުވިސްނައި މިކަންތައްތައް ހަނދާން ނައްތައިލައިގެން އަޅާނުލާ ތިބެވޭ ވަރަށް ވުރެ، މާބޮޑު ކަމަކަށް މިމައްސަލަ ވެފައި،" ނާޒިމް ރަޝާދު ވިދާޅުވި އެވެ.
ރަލާއި އޫރު މަސް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ބިލުގެ އިބްތިދާއީ ބަހުސްގައި މެންބަރުން ދެއްކެވި ވާހަަކަފުޅުގައި އެ ބިލަށް ތާއިދު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. ނަމަވެސް ކޯރަމް ގެއްލުމުން ބަހުސްގެ މަރުހަލާ ދެ ފަހަރެެއްގެ މަތިން މެދުކަނޑާލަންޖެހުނެވެ.