މެޕްސް ކޮލެޖްގެ ފުރަތަމަ ގްރެޖުއޭޝަން ހަފްލާ ބާއްވައި އެ ކޮލެޖުން ދަސްވެނިމުނު 61 ދަރިވަރަކަށް ދަސްވެނިމުނު ކަމުގެ ސަނަދު ދީފި އެވެ.

އެ ކޮލެޖުން 2012 ވަނަ އަހަރު ހިންގި ކޯސްތަކުން ދަސްވެ ނިމުނު ދަރިވަރުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމީއްޔާތު އޮތީ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ.

އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސިލާ ފޯ އެކަޑިމިކް އެފެއާޒް ޑރ އަލީ ފަވާޒް ޝަރީފެވެ. އޭނާ ދެއްކެވި ވާހަކަފުޅުގައި މީހަކަށް މަތީ މަގާމެއް ލިބިދާނެ ކަމަށާއި ނަމަވެސް ތައުލީމަކީ ހޯދަން ފަސޭހަ އެއްޗެއް ނޫންކަމަށެވެ. އަދި ވަޒީފާއެއް ގެއްލިގެން ދިޔަ ނަމަވެސް ތައުލީމު ހުރެއްޖެނަމަ ވަޒީފާއަކީ ލިބޭނެ އެއްޗެއް ކަމަށް ފަވާޒް ވިދާޅުވި އެވެ.

އުގެނުނު ތައުލީމުގެ އަލީގައި ގައުމު ބިނާ ކުރުމުގައި އިޙްލާސްތެރި ކަމާއި ޒިންމާދާރު ކަމާ އެކު ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް ފަވާޒް ގޮވާލެއްވި އެވެ.

"މިރޭ ދަސްވެނިމުމަށް ފަހު ތިކުދިން ނިކުންނާނީ ވަޒީފާގެ މާހައުލަށް. ބުނެލަން އޮތީ މަސައްކަތުގެ މާހައުލުގަ އުޅޭއިރު މަސއްކަތުގެ އަހުލާގު ތިކުދިންގެ ހުންނަންވާނޭ. މަސައްކަތަށް ފަރުވާތެރި ވުމާއި ގަޑިއަށް ކަންކަން ނިންމުމުގައި ގަޑީއަށް ފަރުވާތެރިވުން ވަރަށް މުހިންމު. ތިކުދިންގެ އެސައިމެންޓްތައް ގަޑިއަށް ނިންމުމުގައި ފަރުވާތެރިވާ ފަދައިން މަސއްކަތުގެ މާހައުލުގައިވެސް އެކަން ދެމެހެއްޓުން ވަރަށް މުހިންމު. އަދި ހަމައެއާއިއެކު މަސައްކަތުގައި ވެސް މުޖުތަމަޢުގައި ވެސް އުޅޭއިރު އެކަކު އަނެކަކަށް ކަމޭހިތައި އިޙްތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ފަވާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ ހުންގާނާ ހަވާލުވާން ތިބި ގައުމުގެ މުސްތަގުބަލު ކަމަށާއި ތަޢުލީމާއިއެކު ލިބޭ ތަރުބިއްޔަތުގެ ބޭނުން ކޮށްގެން މުޖުތަމައުގެ ގަދަރު ލިބިގެންވާ ބަޔަކަށް ޒުވާނުންނަށްވެސްވެވިދާނެ ކަމަށެވެ.

މެޕްސް ކޮލެޖުގެ ރެކްޓާ އަހުމަދު އަލީ ވިދާޅުވީ މެޕްސް ކޮލެޖުން އާ ކޯސްތަށް ތައާރަފް ކޮށް މަތީތަޢުލީމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ އިތުރު ފުރުސަތު ތަކެއް ހުޅުވާލާނެ ކަމަށެވެ.

މިއީ މެޕްސް ކޮލެޖް ކޮލެޖެއްގެ ގޮތުގައި ހިންގަން ފެށިފަހުން ބޭއްވުނު އެ ކޮލެޖްގެ ފުރަތަމަ ގްރެޗްއޭޝަން އެވެ.

މެޕްސް ކޮލެޖުން މިފަހަރު ދަސްވެނިމި ދަރިވަރުން ސަނަދު ހާސިލް ކޮށްފައި ވަނީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުންނާއި ޑިޕްލޮމާ އަދި އެޑްވާންސް ޑިޕޮލޮމާ އަދި އެސޯސިއޭޓް ޑިގްރީއިންނެވެ. މި ރަސްމީއްޔާތުގައި ސަރުކާރު ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.