24 Oct 2012, 10:13
ޤާހިރާ (އޮކްޓޯބަރ 24): ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެދެނީސް މެދުއިރުމައްޗަށް ސުލްޙަ ނުގެނެވޭނެ ކަމަށް މިސްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވަސިޓީގެ ޝައިޚް ޑރ. އަހްމަދު އައްތައްޔިބު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ ހިކްމަތްތެރިންގެ ނަމުން ނަންދެވިފައިވާ ވަފްދަކާ ޤާހިރާގައި ބައްދަލުރައްވައި ވާހަކަ ދައްކަވަމުން ޑޮކްޓަރު އަހްމަދު އައްތައްޔިބު ވިދާޅުވީ ފަލަސްތީނުގެ ނިގުޅައި ގަނެވިފައިވާ ޙައްޤުތަކާއި އިސްރާއީލުން ހިފާފައިވާ ފަލަސްތީނާއި ޢަރަބި އެހެން ބިންތަކުން އިސްރާއީލު ނުފާބާހިދަނކު މެދުއިރުމައްޗަށް ސުލްޙަ ނާންނާނެ ކަމުގަ އެވެ. ބައިނަލްއަޤްވާމީ ހިކްމަތްތެރިންގެ ނަމުން ނަންދެވިފައިވާ ވަފްދުގައި ހިމެނެނީ އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖިމީ ކާޓަރާއި އަޔަލެންޑްގެ ކުރީގެ ރައީސާ މޭރީ ރޮބިންސަން އާއި ނޯވޭގެ ކުރީގެ ބޮޑުވަޒީރާ ގްރެހަމް ލީމް އެވެ.
އެ ތިން ބޭފުޅުންނަކީ ސުލްޙައަށް ލޯބިކުރެއްވުމާއި ހަނގުރާމައާއި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުއްލެވުމުގައި ދުނިޔޭގައި މަޝްހޫރު ތިން ބޭފުޅުންނެވެ. މިތިން ބޭފުޅުން މިސްރަށް ވަޑައިގެންނެވީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް ޒިޔާރަތް ކުރައްވައި ފަލަސްތީނުގެ ބައެއް މަސްއޫލުވެރިންނާ ބައްދަލުކުރައްވާފަ އެވެ. ފަލަސްތީނަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ބަޔާނެއްގައި ކާޓާ ވަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކާޓާ ވިދާޅުވީ ފަލަސްތީނުގައި ދެ ދައުލަތުގެ ޙައްލު އިސްރާއީލުން ނަގާލަމުން ގެންދާ ކަމަށާއި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ކުރިޔަށް ގެންދާ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢުގެ ސަބަބުން ދެ ދައުލަތުގެ ޙައްލު ގެއްލިގެން ދާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމުގަ އެވެ. އަދި ސުލްޙައަށް އެޅިފައިވާ ހުރަހަކީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ކަމަށް ވިދާޅުވެ ކާޓަރު ވަނީ ނަތަނިޔާހޫ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ބައިނަލްއަޤްވާމީ ހިކްމަތްތެރިންގެ ނަމުން ނަންދެވިފައިވާ މިވަފްދުގެ ބޭފުޅުން މިސްރުގެ ރައީސް މުހައްމަދު މުރްސީ އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)