ޣައްޒާ (އޮކްޓޯބަރ 24): ޤަތަރުގެ އަމީރު ޙަމަދް ބިން ޚަލީފާ ފަލަސްތީނުގެ ޣައްޒާ އަށް ކުރެއްވި އަށެއްކަ ގަޑިއިރުގެ ދަތުރުފުޅުގައި 400 މިލިއަން ޑޮލަރުގެ އެހީގެ ޕްރޮގްރާމެއް ކަނޑައެޅުއްވުމަށް ފަހު އިއްޔެ ހަވީރުގެ ވަގުތެއްގައި ޣައްޒާ އިން ފުރާވަޑައިގެންފި އެވެ.

ޤަތަރުގެ އަމީރު ޣައްޒާއަށް ވަޑައިގެންނެވީ ވެސް އަދި ފުރާވަޑައިގެންނެވީ ވެސް ޣައްޒާ އާއި މިސްރުގެ ސަރަޙައްދީ ރޮނގު ކަމަށްވާ ރަފްޙު ހުރަސްކޮށެވެ. މިއީ 1967ގައި އިސްރާއީލުން ޣައްޒާ ހިފުމަށް ފަހު ޢަރަބި ޒަޢީމަކު އެ ސަރަހައްދަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގެ ބޭނުމަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމާއި ޣައްޒާ ބަންދުކޮށް އެސަރަޙައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ އަސާސީ ކަންކަމުން މަޙްރޫމްކުރުމަށް އިސްރާއީލުން ތަންފީޒުކުރަމުންގެންދާ ސިޔާސަތުތަކާ ދެކޮޅު ހަދާކަން ހާމަކުރުމުގެ އިތުރުން ޣައްޒާ އެކަހެރި ކޮށްލާފައިވާ އެކަހެރިކޮށްލުން ނިމުމަކަށް ގެނައުން ކަމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ ސަރުކާރުން ހާމަކުރެ އެވެ. އަދި ހަނގުރާމަކޮށް އިސްރާއީލުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތުކޮށް ދިނުމަށް ޤަތަރުން ރާވާފައިވާ ޕްރޮގްރާމް ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވުމަކީ ވެސް ޤަތަރުގެ އަމީރުގެ ދަތުރުފުޅުގެ މައިގަނޑު އެއްބޭނުން ކަމަށް ހަމާސް ގެ ސަރުކާރުން ބުނެ އެވެ.

ޣައްޒާއަލުން ބިނާކޮށް އާރާސްތުކުރުމަށް ޤަތަރުން ރާވާފައިވާ ޕްރޮގްރާމަކީ ގާތްގަނޑަކަށް 400 މިލިޔަން ޑޮލަރުގެ ޕްލޭނެކެވެ. ކުރިން މިޕްލޭންގެ މިންވަރަކީ 254 މިލިޔަން ޑޮލަރު ނަމަވެސް ޤަތަރު އަމީރު ޣައްޒާ އަށް ވަޑައިގެން އެ ސަރަޙަދަށް އިސްރާއީލުން ދީފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް ފަހު މިޢަދަދުވަނީ 400 މިލިޔަން ޑޮލަރަށް އިތުރުކުރައްވާފަ އެވެ. ޣައްޒާ އިން ޤަތަރުގެ އަމީރަށް ވަނީ ރަސްމީ ގޮތުންނާއި ރައްޔިތުންގެ ގޮތުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާފަ އެވެ. ޤަތަރުގެ އަމީރުގެ ދަތުރުފުޅަށް މަގުފަހިކޮށްދިނުމުގައި މިސްރުގެ ރައީސް މުޙައްމަދު މުރްސީއާއި އޭނާގެ ސަރުކާރު ވެސް ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް އަލްޖަޒީރާ ޚަބަރު ދެ އެވެ.

ޣައްޒާގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ޤަތަރުގެ އަމީރު ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ހިސާރުގެ ލާއިންސާނީ ޢަމަލުތަކުގެ ކުރިމަތީގައި ޣައްޒާގެ ރައްޔިތުން ކުރަމުން ގެންދާ ހިތްވަރަށް ތާރީފުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުމާބެހޭ ގޮތުން ޢަރަބި ސަމިޓުން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒު ކުރުމަށް ވެސް ޤަތަރުގެ އަމީރު ޙަމަދް ބިން ޚަލީފާ ގޮވާލެއްވި އެވެ. އަމީރުގެ މިދަތުރުފުޅުގައި ޤަތަރުގެ އިސްވެރިންނާއި ވިޔަފާރިވެރިންގެ ބޮޑު ވަފްދެއް ބައިވެރިވި އެވެ. (އަލްޖަޒީރާ)