24 Oct 2012, 09:43
ވީޓީވީން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވިއަން އައިކަން"ގައި ހިމެނޭ އަހުމަދު މަނިކު (ނަރޭ) ފުލުހުން ހައްޔަރު ކުރުމާ ގުޅިގެން އެ ޝޯއިން އޭނާ ވަކިކޮށްފި އެވެ.
ބަނގުރާ ފުޅިތަކަކާ އަދި ފުލުހުންނާއި ސިފައިންގެ ޔުނިފޯމްތަކެއް ގެންގުޅެނިކޮށް ފެނުނު ކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ހައްޔަރު ކުރި 11 މީހުންގެ ތެރޭ ހިމެނޭ ތ. ތިމަރަފުށި ކުޅިދޮށުގެ، އަހުމަދު މަނިކު (ނަރޭ) ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަކިކުރިކަން އަންގައި ވީޓީވީން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ވީޓީވީގެ ޕްރޮގްރާމް ޑިޕާޓްމަންޓުން އެގޮތަށް ނިންމީ މުބާރާތުގެ ގަވާއިދުގައި، މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ އަދި ދިވެހިންގެ އަޚްލާގީ މިންގަނޑުތަކާ ޚިލާފް އަމަލެއް އެއްވެސް ބައިވެރިއަކު ހިންގައިފި ނަމަ މުބާރާތުން ވަކިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.
ލަވަކިއުމުގެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަމާޒުކޮށްގެން ވީޓީވީން ކުރިއަށްގެންދާ އެ ޝޯއިން ނަރޭ ވަކިކުރިއިރު، އޭނާ ވަނީ މުބާރާތުގެ ފަސް ފައިނަލިސްޓުންގެ ތެރޭ ވެސް ހިމެނިފަ އެވެ.
ފުލުހުންނާއި ސިފައިންގެ ޔުނީފޯމްތަކެއް ފެނިފައި ވަނީ ހ. ޕީޗްމެލްބާގެ ބަލާފާސްކުރިއިރު އެގޭގެ ތެރެއިންނެވެ.
ނަމަވެސް އެގެއަކީ ފުލުހަކު ވެސް އަދި ސިފައިންގެ މީހަކު ވެސް ދިރިއުޅޭ ގެއެއް ނޫންކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.
ޔުނީފޯމްތަކުގެ އިތުރަށް އެ ކޮޓަރި ތެރެއިން ދެ ފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައިވާ ފުޅިއަކާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ބޭނުންކޮށްފައި ހުރި ބިއްލޫރި ތަށިތަކެއް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެ ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.