24 Oct 2012, 09:39
ދައުލަތުގެ ރޭޑިއޯ އާއި ޓީވީ އޮޕަރޭޓް ކުރާ މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ކަރަންޓް ބިލް ނުދައްކާތާ ފަސް މަސްވެއްޖެ އެވެ. ފަސް މަހުގެ ކަރަންޓް ބިލަށް 7.1 މިލިއަން ރުފިޔާ ވަނީ އަރާފަ އެވެ. މައި ހޮސްޕިޓަލް، އައިޖީއެމްއެޗް ހިންގާ މާލޭ ހެލްތް ސާވިސަސް ކޯޕަރޭޝަންގެ ނުވަ މަސް ދުވަހުގެ ކަރަންޓް ބިލްތަކަށް 31 މިލިއަން ރުފިޔާ އަރާފައިވާ އިރު އެންމެ ލާރިއެއް ވެސް ނުދައްކަ އެވެ. މުޅި މާލެ ބަލަހައްޓާ، މާލޭ ސިޓީ ކައުންސިލްގެ ކަރަންޓް ބިލްތައް ވެސް ހުރީ ފުނިޖެހިފަ އެވެ.
އެ މައްސަލައިގެ އެ ތިން އިދާރާ އާއި ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯ ވެސް ވަނީ ރައްޔިތުން މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ރޭ ހާޒިރުކޮށް ޖަވާބުދާރީ ކުރުވައިފަ އެވެ.
އެ ކޮމެޓީގައި ތިއްބެވި ރައްޔިތުން މަޖިލީހުގެ "އިއްޒަތްތެރި" މެންބަރުން ވެސް ދެ ކަމެއްގެ މައްޗަށް ކަންބޮޑުވެ ވަޑައިގަތެވެ. ފުރަތަމަ ކަމަކީ، ކަރަންޓް ކަނޑާލަން ސްޓެލްކޯ އިން މަސައްކަތް ކުރަނީ ރައްޔިތުންނާއި ގުޅުން ހުރި ހިދުމަތްތަކެއްދޭ އިދާރާތަކަށްވުމެވެ. އަނެއް ކަމަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކުން ސަރުކާރުގެ އިދާރާތަކުން ކަރަންޓް ކަނޑާލަން މަސައްކަތްކުރާ މައްސަލަ އެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު ހަމްޒާ ވިދާޅުވީ އާންމުންނަށް ހާސްކަން ލިބޭގޮތަށް އާންމުންނާ ގުޅުން ހުރި ގިނަ ހިދުމަތްތަކެއް ދޭ ތަންތަނުން ކަރަންޓް ކަނޑާލަން ސްޓެލްކޯ އިން ނިންމުމުން ސުވާލުއުފެދޭ ކަމަށާއި ސްޓެލްކޯއަކީ ސަރުކާރުގެ ކުންފުންޏަކަށްވާ އިރު ޕްރައިވެޓް ކުންފުންޏެއް ގޮތަށް އެ ކުންފުނި އޮޕަރޭޓް ކުރަންވީ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެންނަކީ ވެސް ޕަބްލިކް އޮފިޝަލުން. ދެން ތިޔަ ބޭފުޅުންނަކީ ވެސް، އެކަމަކު ކީއްވެތޯ ތިޔަ ބޭފުޅުން ޕްރައިވެޓް ކުންފުންޏެއް އޮޕަރޭޓް ކުރާ ގޮތަށް އޮޕަރޭޓް ކުރައްވަން ނިންމެވީ. އެއީ ސަރުކާރު ކުންފުންޏަކަށްވާ އިރު ފިނޭންސްގެ ވެރިންނާއި މެދުވެރިވެގެން ވާހަކަ ދައްކައިގެން މިކަން ހައްލު ނުކުރެއްވީ ކީއްވެތޯ، މިކަން ކުރެއްވެން ޖެހޭނެ، ޕަބްލިކަށް ނައިސް ނެއްތޯ ވާކަށް،" ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާގެ ވާހަކަތަކަށް ރައްދު ދެއްވާ ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ ވަކި ގާނޫނީ ސަހުސެއް ކަމަށާއި ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރަން ވެސް ނުޖެހޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޒިންމާ އަދާކުރާތޯ ބެލުމަކީ ވެސް އެ ކުންފުނިން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މި ކުންފުނީގެ ކަންތައްތަކަށް ޒިންމާ ނަގަން ޖެހޭނީ އަޅުގަނޑުމެން. ސްޓެލްކޯ އިން ބިލްކުރަނީ އެ ތަންތަނަށް. އެ ތަންތަނުން ބިލް ދައްކާތޯ ބަލަން ޖެހޭނީ. ސްޓެލްކޯ ބޯޑުން އެ ޒިންމާ ނެގީ މެނޭޖްމަންޓަށް ސްޓެލްކޯ ހިންގަން ދަތިވާ ކަމަށް ބޯޑަށް ލަފާދިނުމުން އެ ނިންމުން ނިންމީ. ދައުލަތުގެ ތަނެއް ވިޔަސް ކަނޑަންޖެހުނީމާ ކަނޑާނަން،" ޝަރީފް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު ވިޝާމް އަލީގެ ފުރުސަތުގައި ވިދާޅުވީ ސަރުކާރުން ސަބްސިޑީ ދެމުން ދަނިކޮށް ވެސް އާންމު އަސާސީ ހިދުމަތް ދޭ ތަންތަނުން ސްޓެލްކޯ އިން ކަރަންޓް ކަނޑާލަން އުޅުމަކީ ވަރަށް ބޮޑަށް ސުވާލުއުފެދޭ ކަމެއް ކަމަށާއި ސްޓެލްކޯ އިން ކޯޕަރޭޓް އުސޫލުގެ އިންފަހަނައަޅާ ގޮސްފި ކަމަށެވެ.
"ރިޕޭމަންޓް ޝެޑިއުލްއެއް ހަދައިގެން ފިނޭންސާ މިތަންތަނާ ވާހަކަދައްކައިގެން ޕަބްލިކަށް މިކަން ނުގޮސް މިކަންވާން ޖެހޭ ގޮތެއް އޮންނަންޖެހޭނެ، އެގޮތް ނެތީތޯ،" ވިޝާމް ސްޓެލްކޯއާ ސުވާލުކުރެއްވި އެވެ. އެއަށް ރައްދު ދެއްވައި ސްޓެލްކޯގެ ބޯޑު މެންބަރަކު ވިދާޅުވީ؛ "ކަރަންޓް ކަނޑަން ގޮސްގެން އެބޭފުޅުން ވެސް ޝަކުވާ ނުކުރައްވާނެ ކަމަށާއި ހެލެތް ސާވިސްކޯޕަރޭޝަނަށް ވެސް ބިލްތައް ދައްކަން ފުރުސަތު ދެވުނު އަދަދު ވެސް މިހާރު ބުނަން ނޭންގޭ" ކަމަށެވެ. ނަމަވެސް އަލިމަގެއް ނުފެނުނު ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕްބަލިކް ސީންއެއް ނުކުރަން، އެއީ ހަމަ އާންމު ޕްރެކްޓިސް،" ޝަރީފް ވިދާޅުވި އެވެ. ވިޝާމް ވިދާޅުވީ ސަރުކާރުން ދޭން ޖެހޭ އަސާސީ ހިދުމަތެއް ކަމަށް ދެކިގެން ކަރަންޓްގެ ހިދުމަތް އެ ކުންފުނިން ދޭތީ އެގޮތަށް އަމަލު ކުރުމުން ސުވާއުފެދެނީ ކަމަށެވެ. އަދި އެކަން ފެންނަނީ "ޕަބްލިކް ސީންއެއް" ގޮތަށް ކަމަށް ވެސް ވިޝާމް ތަކުރާރުކޮށް ވިދާޅުވި އެވެ.
މަނަދޫ ދާއިރާގެ މެންބަރު، މުހަންމަދު ތޯރިގު ވެސް ވިދާޅުވީ ސްޓެލްކޯ އިން ސަރުކާރުގެ އަސާސީ ހިދުމަތް ދޭ ކުންފުނިތަކަށް އެގޮތަށް ކަރަންޓް ކަނޑާލަން މަސައްކަތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކެދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާވެސް ވިދާޅުވީ އެހެންނެވެ.
ނަމަވެސް ޝަރީފް ރައްދު ޖަވާބު ދެއްވަމުން ވިދާޅުވީ ކަރަންޓް ކަނޑާލަން މަސައްކަތް ކުރި ހުރިހާ އިދާރާތަކަކީ މިނިވަން ތަންތަން ކަމަށާއި އެ ބޭފުޅުންގެ ޒިންމާއަކާއި މަސްއޫލިއްޔަތުތަކެއް ވެސް އޮންނާނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޒިންމާ ފުރިހަމައަށް އަދާކުރާ ނަމަ އެ މައްސަލަތައް ޖެހެން ނުޖެހޭނެ ކަމަށެވެ. އަދި ސްޓެލްކޯ އަށް ބޮޑެތި ގެއްލުންވަމުންދާ އިރު އެކަމަށް ބަލަން ނުތިބެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެކަމަށް ބަލަން ނުތިބެވޭނެ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ވެސް ކުންފުންޏެއްގެ ގޮތުން ޒިންމާ ނަގަން ޖެހޭނެ. އަޅުގަނޑުމެން އޮންނަ އުސޫލުގެ ދަށުން ކުރިއަށް މި ގެންދަނީ،" ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯ އަށް ބިލްތައް ނުދެއްކެނީ ފިނޭންސްގެ އިހުމާލުންކަމަށް ދޭހަވާ ގޮތަށް އިދާރާތަކުން ވާހަކަދެއްކެވި އެވެ. ނަމަވެސް މެންބަރުން ކަންބޮޑުވެ ވަޑައިގަތީ ސްޓެލްކޯ އިން ކަރަންޓް ކަނޑާލަން އުޅޭތީ އެވެ. ސްޓެލްކޯ އަށް މެންބަރުންގެ ފާޑުކިޔުމާއި ބަހުގެ ހަމަލާތައް ރައްދުކުރީ ކަރަންޓްބިލަށް ފައިސާ ނުދެއްކުމުން އޮންނަ އުސޫލުން ސްޓެލްކޯ އިން ކަރަންޓް ކަނޑާލަން މަސައްކަތް ކުރުމުންނެވެ.