24 Oct 2012, 09:33
ކޮންމެ ކްލަބެއްވެސް އާ ސީޒަނަކަށް ނުކުންނާނީ ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ނިޔަތުގައިކަން ކަށަވަރެވެ. އެހެންކަމުން ކާމިޔާބީ އަށް އެދޭ ކޮންމެ ކްލަބެއްގެ އަމާޒަކަށް ވާނީ ޓީމް ވަރުގަދަ ކުރެވެން އޮތް ގޮތަކަށް ތައްޔާރުވެވޭތޯ އެވެ. އެހެންކަމުން ޓްރާންސްފާ މާކެޓް ހުޅުވިގެންދާ އިރު، ފައިސާ އޮތް ކްލަބުތަކުން އަގުބޮޑެތިކޮށް ކުޅުންތެރިން ގަންނަ މަންޒަރަކީ އާ މަންޒަރެއް ނޫނެވެ.
މިއަހަރުގެ ސީޒަނަށް ވަރުގަދަ ކްލަބުތަކަކުން ގިނަ ހަރަދުތަކެއްކޮށް ކުޅުންތެރިން ގެނައި މަންޒަރު ފެނުންއިރު، ހައިރާން ކުރަނިވި ކަމަކަށް ފެނިގެންދިޔައީ ބައެއް ކްލަބުތަކަށް އެންމެ އެދެވޭ ނަތީޖާ ނުނެރެވޭ ކަމެވެ. ގިނަ ކްލަބުތަކަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސީޒަނުގެ ފުރަތަމަ މެޗުތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމެވެ. މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ތިން ކްލަބަކަށް ބަލައިލާނަމެވެ.
އޭސީ މިލާން
އިޓަލީ ލީގުގައި މިފަހަރު ދަށް ކުޅުމެއް ފެނިގެންދާނެކަމަށް ގިނަ ބަޔަކު ހީކުރަމުންދިޔައީ އުދިނޭސީ އެވެ. އުދިނޭސީގެ މުހިންމު ދެކުޅުންތެރިންއެއް ކަމަށްވާ ކްވަޑްވީ އަސަމޮއަހް އާއި މައުރީސިއޯ އިސްލާ ޔުވެންޓަސް އާއި ގުޅުމުން އެކުލަބުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ނުދާނެކަމުގައި ބެލެވުނަސް، މިހާރު ފެންނަމުންދަނީ މިލާން ވެއްޓެމުންދާ މަންޒަރެވެ.
މިދިޔަ ސީޒަނުގައި އޭސީ މިލާންއަށް ކުޅެމުންދިޔަ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާއާއި ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ނެތްތަން އެޓީމްގެ ފަރާތުން މިސީޒަނުގައި ފެނިގެންދިޔައެވެ. އޭސީ މިލާންގެ ކުރިއަރަމުންދާ ތަރިންގެ ތެރޭގައި ހިމެނޭ އެލް ޝާރަވީއާއި މަޓިއާ ޑެ ސްކިގްލިއޯއާއި ކެވިން ޕްރިންސް ބޯޓެންގްގެ އިތުރުން ރިކާޑޯ މޮންޓޮލީވޯގެ ރަނގަޅު ކުޅުމަކާއެކު މިލާނަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ބެލެވުނުކަމުގައިވީ ނަމަވެސް މިހާރު ފެންނަމުންދަނީ އެއާއި މުޅިން ޚިލާފް މަންޒަރެކެވެ.
އެތްލެޓިކް ބިލްބާއޯ
މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާގައި ލިބުނު ނާކާމިޔާބީއާ އެކު ބިލްބާއޯގެ ތަރިންނަށް މުހިންމު ފިލާވަޅެއް ލިބުމުން މިސީޒަނުގައި އެކުލަބަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ ސިގްނަލެއް ލިބުނެވެ. ނަމަވެސް އެޓީމްގެ ތަރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ސަބަބުން އެޓީމަށް އަނެއްކާވެސް ނާކާމިޔާބީތަކާއި ކުރިމަތިލަމުންދާން ޖެހުނެވެ.
ބިލްބާއޯއަށް ލިބެމުންދާ ނާކާމީގެ ސަބަބަކީ އެޓީމްގެ ސްޕެއިން މިޑްފީލްޑަރު ޖަވީ މާޓިނޭޒް ބަޔާން މިއުނިކްއާއި ގުޅުންކަމަށް ބެލެވިދާނެ އެވެ. ޖަރުމަން ބުންޑަސްލީގާގެ ރެކޯޑް ފީއަކަށް މާޓިނޭޒް ބިލްބާއޯ ދޫކޮށްލިއިރު، އެޓީމަށް މިވަނީ ވަރަށް ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ކުއީންސް ޕާކް ރޭންޖާސް
މިދިޔަ ސީޒަނުގައި ކިޔުޕީއާރު ރެލިގޭޝަނުން ސަލާމަތްވީ ހަމަ ކިރިޔާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިސީޒަނުގައި ޕްރެމިއަރ ލީގުގެ ވަރުގަދަ ކްލަބެއްގެ ގޮތުގައި ކިޔުޕީއާރު ވެދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރީ އެކުލަބުން ކުރި ބޮޑު ހަރަދާއި ގުޅިގެންނެވެ.
ކިޔުޕީއާރު ވަރުގަދަ ކުރުމަށްޓަކައި މިސީޒަނަށް އެކުލަބުން ދިހަ ކުޅުންތެރިން ހޯދާފައިވެ އެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑުން ހޯދި ޕާކް ޖީ-ސުންގްއާއި ރެއާލް މެޑްރިޑުން ހޯދި އެސްޓެބަން ގްރަނޭރޯގެ އިތުރުން ފުލަމްއިން ގެނައި ބޮބީ ޒަމޯރާ ފާހަގަކޮށްލެވެ އެވެ. ބޮޑު ހަރަދަކާއެކު ވެސް ކިޔުޕީއާރުއަށް ކާމިޔާބީއެއް ނުލިބިގެންދިއުމަކީ ސުވާލު އުފެދޭ ކަމަކެވެ.
މިހުރިހާ ކްލަބަކުން ވެސް ރަނގަޅު ނަތީޖާއެއް ނެރެން ބޭނުން ނަމަ، މިހާރުން ފެށިގެން ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެއެވެ. އެއްވެސް ކްލަބެއް އަދި ކަރުއެލުވާލާކަށް ނުޖެހެ އެވެ. ނަމަވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނީ ކުޅުން ރަނގަޅު ކޮށްގެންނެވެ.