24 Oct 2012, 09:29
ސްޕެނިޝް ލަލީގާ ހޯދުމުގެ ފުރުސަތު އަދި އެއްވެސް ޓީމަކަށް ނުގެއްލޭކަމަށް ބާސެލޯނާގެ ކޯޗު ޓީޓޯ ވިލަނޯވާ ބުނެފި އެވެ.
"ސީޒަން ފެށިގެން އަދި މާގިނަ ދުވަސްތަކެއް ނުވޭ. ލީގުގައި އަހަރެމެންނާ ވާދަވެރި ރެއާލް މެޑްރިޑާއި ދެމެދު ފަރަގު އޮތް ނަމަވެސް އެއީ އަދި އެމީހުންނަށް ލީގު ހޯދުމަށް އޮތް ފުރުސަތު ހަނިވުމެއް ނޫން. ލީގުގައި އަދި ކުޅެން ގިނަ މެޗްތަކެއް އެބަހުރި." ޓީޓޯ ވިލަނޯވާ ބުންޏެވެ.
މެޑްރިޑަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށާއި އެކުލަބަކީ ލީގުގެ ފޭވަރިޓުންކަމަށް ވެސް ވިލަނޯވާ ބުނެފައިވެ އެވެ.
"ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މެޑްރިޑް. އެހެންކަމުން ލީގުގެ ފޭވަރިޓުންނަކީ މެޑްރިޑް. ޗެމްޕިއަންސް ލީގުގައި ވެސް މެޑްރިޑުން ދަނީ މޮޅު ކުޅުމެއް ދައްކަމުން." ވިލަނޯވާ ބުންޏެވެ.
ސްޕެނިޝް ލަލީގާގެ އެއްވަނާގައި އޮތް ބާސާއާއި ހަތަރު ވަނާގައި އޮތް ރިޔާލާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އަބަ އޮތެވެ. ދެވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ބާސާ އާއި ޕޮއިންޓުގެ ގޮތުން އެއްވަރެވެ. ތިންވަނާގައި އޮތް މަލާގާއަށް ލިބިފައި ވަނީ ސަތާރަ ޕޮއިންޓެވެ.