14 Sep 2010, 10:17
15:23
މާދަމާ ފާހަގަކުރާ ދުނިޔޭގެ ޑިމޮކްރެސީ ދުވަހާ ގުޅުވައިގެން ޔޫއެންޑީޕީ އާއި ބައެއް މަދަނީ ޖަމިއްޔާތައް ގުޅިގެން ޚާއްސަ ހަވީރެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
"ޑިމޮކްރެސީ އިން ފްރޭމްސް" މި ޝިއާރުގެ ދަށުން ރާޅުގަނޑު ސަރަހައްދުގައި މާދަމާ ހަވީރު ހަތަރުން ފެށިގެން ކުރިއަށްދާ ހަވީރުގައި، ޑިމްކްރެސީއަށް އޮތް ސަޕޯޓު ދައްކުވައިދިނުމަށްޓަކައި ތަފާތު މަދަނީ ޖަމިއްޔާތަކުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ އެވެ.
މި ހަރަކާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައިވާ ޑިމޮކްރެސީ ހައުސްގެ އެގްޒެކެޓިވް ކޯޑިނޭޓަރ ކުލްސުމް އަލީ ވިދާޅުވީ، "ޑިމޮކްރެސީ އިން ފްރޭމްސް" ހަވީރުގައި ރާއްޖޭގެ ތަފާތު ކުރެހުންތެރިން ވެގެން ބޮޑު ޕެއިންޓިން އެއް ތައްޔާރުކުރާނެ ކަމަށެވެ. އަދި ޑިމޮކްރެސީއާ ގުޅޭ މަންޒަރުތައް ޕެއިންޓްކޮށް، ކުރެހުމުގެ ފުރުސަތު އާއްމުންނަށް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޑިމޮކްރެސީއާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލުތައް ފާޅުކުރުމަށް ޚާއްސަ ބޯޑެއް ވެސް އެ ސަރަހައްދުގައި ބަހައްޓާނެ ކަމަށާއި އެ ހަވީރު ކުރިއަށްދާއިރު މިއުޒިކް ޝޯވ އަކާއި ކުޑަކުދިންނާ ގުޅޭ ސްޓޯލްތައް ވެސް ހިނގަމުންދާނެ ކަމަށެވެ.
2007 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ ގޮތުގަ އެވެ.