24 Oct 2012, 09:20
ސާސްކަފްގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ސަރުކާރު އޮތީ ސާބިތުކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރީއްޔާގެ ނާއިބް މުހައްމަދު ވަހީދުއްދީ (ޑީން) މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަން(އދ)ގެ 67 އަހަރު ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޔޫއެން ބިލްޑިންގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ސާސްކަޕްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ސާބިތުކަމާއެކު އޮތް ކަމަށެވެ.
"ސަރުކާރުގެ އެއް އަމާޒު ކަމުގައި ވަނީ ވަޒީފާއެއް ނުލިބި ތިބި ޒުވާނުން މަދުކުރުމަށާއި މަސްތުވާތަކެތީގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް މަދުކުރުމާއި ގޭންގު ކުށްތައް މަދުކުރުން،" ނައިބް ރައީސް ވިދާޅުވި އެވެ.
އަަދި ވިދާޅުވީ ސާސްކަޕްގެ ލަނޑުދަނޑިތައް ޔުނައިޓެޑް ނޭޝަންގެ އެހީތެރިކަމާ ނުލައި ހާސިލުކުރުމަކީ ނާދިރުކަމެއް ކަމަށާއި މިހާތަނަށް ހާސިލްކުރެވިފައިވާ ލަނޑުދަނޑިތައް ވެސް ހާސިލްކުރެވިފައި ވަނީ ޔުނައިޓެޑް ނޭޝަންގެ އެހީތެރި ކަމާއެކުގައި ކަމަށެވެ.
ބަނޑުހައިހޫނު ކަމާއި ފަގީރުކަން ނައްތާލުމަށް އދ. އިން ކަނޑައަޅާފައިވާ ފަސް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. އެޗ ޕްރޮގްރާމް ފައްޓާފައި ވަނީ 2010 ވަނަ އަހަރު އެވެ.
ނައިބް ރައީސްގެ ވާހަކާގައި ވިދާޅުވީ މިއަދު ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި ހަރުދަނާ ސިޔާސަތެއް ކަނޑައެޅުމަށް ޓަކައި ސަރުކަރާއި އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ސިޔާސީ ޕާޓީތައް ގުޅެން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެ މައްސަލަ އަށް ހައްލެއް ލިބިގެންނުދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަނީ އދ. ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ކުރެހުމުގެ މުބާރާތުން ވަނަވަނަ އަށް ދިޔަ ކުދިނަށް އިނާމް ވެސް ހަވާލުކޮށްދީފަ އެވެ. އެ އިނާމްތައް އެކުދިންނާ ހަވާލުކޮށްދެއްވީ ނައިބް ރައީސް މުހައްމަދު ވަހީދުއްދީ އެވެ. އަދި އެ ރަސްމިއްޔާތުގައި ވީޑިއޯގެ ޒަރިއްޔާ އިން ވަނީ މި އަހަރުގެ އދ. ދުވަހުގެ ޝިއާރު ވެސް ދައްކައިލައިފަ އެވެ.