24 Oct 2012, 08:13
މައްކާ (އޮކްޓޯބަރ 23) : މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށުމަށް ޙައްޖުވެރިންނާއި މާތްވެގެންވާ މައްކާގައިވާ ޙައްޖުގެ މަޝާއިރުތައް މުޅިން ތައްޔާރުވެފައިވާ ކަމަށާއި ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ހައްޖުވެރިންނަށް ސަޢޫދީ އަރަބިޔާއިން ގޮވާލައިފި އެވެ.
ސަޢޫދީ ދާޚިލީ ވަޒީރު އަހުމަދު ބިންޢަބްދުލްޢަޒީޒް ވިދާޅުވީ ޙައްޖުގެ އަޅުކަން ފެށުމުގެ ގޮތުން މިނާއަށް ދިޔުމުގެ ދަތުރު ބުދަ ދުވަހު ޙައްޖުވެރިން ފަށާނެ ކަމަށާއި ޙައްޖަކީ ހަމައެކަނި ދީނީ މުނާސަބާއެއް ކަމަށް ދެކިގެން ދުންޔަވީކަންކަން އޭގެ ތެރެއަށް ވެއްދުމަށް އެއްވެސް ޙައްޖުވެރިއަކު މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ. ސަޢޫދީ ޓީވީ އަށްދެއްވި ބަސްދީގަތުމެއްގައި އަޙުމަދު ވިދާޅުވީ ހަމަނުޖެހުމަށް މަގުފަހިވާފަދަ އެއްވެސް ކަމެއް އެއްވެސް ހައްޖުވެރިއަކު ނުކުރާނެކަަމަށް ޤަބޫލުކުރައްވާ ކަމަށާއި ނަމަވެސް ކޮންމެ މައްސަލައަކާ ކުރިމަތިލުމަށްވެސް ސައޫދީ ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ސަޢޫދީ ދާޚިލީ ވަޒީރު އަހްމަދު ބިންޢަބްދުލްޢަޒީޒް މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ސޫރިޔާގެ މުސްލިމުންގެ މެދުގައި ހިނގަމުންދާ އަހްލީ ހަނގުރާމަ ނިމުމަކަަށް ގެނައުމަށް އެދި މާތް ﷲ ގެ ޙަޒްރަތުގައި ދުޢާކުރާނެ ކަމަށް ޙައްޖުވެރިން ބުނަމުން ގެެެންދާ ދަނޑިވަޅެއްގަ އެވެ. މީގެއިތުރުން ސޫރިޔާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ މައްސަލާގައި ރައީސް ބައްޝާރުލްއަސަދާ ދެކޮޅަށް ޙައްޖުގެ އަޅުކަމުގެ ތެރޭގައި އަޑުއުފުލުމަށް ބައެއް ޙައްޖުވެރިން ބޭނުންވާ ކަމުގެ އަޑުތަކެއްވެސް ފެތުރިފައިވަނިކޮށެވެ.
ނަމަވެސް ދުޢާކުރުން ފިޔަވައި އެހެން ކަމެއް އެއްވެސް ޙައްޖު ގުރޫޕަކުން ރާވަމުން ގެންދާކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް ސަޢޫދީ އަމްނާބެހޭ ދާއިރާތަކުން ބުނެ އެވެ. ސަޢޫދީ ދާޚިލީ ވަޒީރު ވިދާޅުވީ ސޫރިޔާ އާއި އެނޫން ޤައުމުތަކުގައި މުސްލިމުންނަށް ނިކަމެތިކަމާއި އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމުގަ އެެވެ.
ބަރަކާތްތެރި ޙައްޖު ދުވަހަކީ މާދަމާ ކަމަށްވާއިރު ދެމިލިޔަން ހަތަރުލައްކައެއްހާ މީހުން މައްކާގެ މުޤައްދަސް ބިންތަކަށް އިއްޔެ އާ ހަމައަށް ޖަމާވެފައިވާ ކަމަށް ޙައްޖުގެ ކަންތައްތަކާބެހޭ ސަޢޫދީ ވުޒާރާއިން ބުނެފައިވެ އެވެ. (އަލްޖަޒީރާ)