23 Oct 2012, 23:30
އީގަލްސް 2-1 އިން ބަލިކޮށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތް ފުރަތަަމަ ފަހަރަށް ކާމިޔާބުކޮށް މާޒިޔާ ތާރީހުގެ ތެރެއަށް ޖެހިލައިފި އެވެ.
މިއީ މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގެ ތައްޓެއް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މި ކާމިޔާބީއާއެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޯފް ކުޅޭނީ ވެސް މާޒިޔާ އެވެ.
ހުސްވި އަހަރު ވެސް ފައިނަލް ކުޅުނު މާޒިޔާގެ ދެ ލަނޑު ވެސް މި މެޗުގައި ޖެހީ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މާޒިޔާ ފުރަތަމަ ހާފުގައި ލަނޑު ޖަހާފައިވަނިކޮށް އީގަލްސް އަށް ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްދިނީ ޔޫސުފް ރަމީޒެވެ. މާޒިޔާ މޮޅުވި ލަނޑު އައްމަޑޭ ޖެހީ ދެ ވަނަ ހާފުގަ އެވެ.
ސެމީ ފައިނަލް މެޗުގައި ރެފްރީގް ނިންމުމާ ދެކޮޅު ހެދުމުން ބެންޗުން ފޮނުވާލުމުގެ ސަބަބުން މި މެޗު މާޒިޔާ ކުޅުނީ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބެންޗުގައިނެތި އެވެ.
މި މެޗާއެކު މި އަހަރުގެ ފުޓްބޯޅަ ސީޒަން ވަނީ ނިމިފަ އެވެ. ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ ނިއު ރޭޑިއަންޓެވެ.