23 Oct 2012, 21:37
ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުރި މީހަކު ކުއްލި ގޮތަކަށް ދަނޑުމައްޗަށް ވެއްޓި މިއަދު ހަވީރު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އެ ރަށު އަހުމަދު ޝާހީން، 28 އެވެ. ޝާހީން އަކީ ކ.ހުރާ ޓީމްގައި ރާއްޖޭގެ ފަސްޓްޑިވިޝަނަށް ފުޓުބޯޅަ ކުޅުނު ކުޅުންތެރި އެކެވެ.
އޭދަފުށީ ކައުންސިލް މެންބަރު އަބުދުލް ވާހިދު ސަން އަށް މިއަދު ވިދާޅުވީ ޝާހީން މަރުވެފައިވަނީ މުބާރާތުގައި އޭނާ ނިސްބަތްވާ ޓީމްގެ ޕްރެކްޓިސްގައި ބައިވެރިވެ ކުޅެން ހުއްޓައި މިއަދު އިރުއޮއްސި 6:00 ޖަހާކަންހާއިރު ކަމަށާއި އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.
"ޑޮކްޓަރު ބުނީ ލަފާކުރެވެނީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރެފައި ކުޅެން އެރި ތަނާ އަންފިޓްވެގެން ވަރުބަލިވެ ހިތް ހުއްޓެން ދިމާވި ކަމެއް ކަމަށް،" ވާހިދު ވިދާޅުވި އެވެ. މުބާރާތުގައި ބައިވެރިވުމަށް ޝާހީން މިއަދު އެރަށަށް އައީ މެންދުރެއްހާއިރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝާހިން ކުއްލި ގޮތަކަށް މަރުވިއިރު އޭނާގެ އަންބަކާއި ދެ އަހަރުގެ ފިރިހެން ކުއްޖަކުވެސް ހުރެ އެވެ.
އެ ރަށު ކައުންސިލުން ބުނީ އޭނާގެ ޖަނަޒާގެ ކަންތައްތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.