23 Oct 2012, 21:19
ކުއްލިއްޔާގެ އިރަށް އޮންނަ ހަނިގޯޅި ޕާކު، ލޮރެންޒޯ ޕާކްތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލިކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވި ހަ މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.
ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އަރުހަމްގެ މަރާއި ގުޅިގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމާއި ހަމަ އެރަށު އަސަރީގޭ، މަންސޫރު ޔޫސުފްގެ އިތުރުން މއ. ސީނަރީވިޔު އާތިފު ރަޝީދުގެ މައްޗަށެވެ.
ދައުވާކޮށްފައި ނުވާ މީހުންނަކީ ގ. ދާސްތާން ހުސެއިން އަލީމްގެ އިތުރުން މއ. ކަބާލިފަރު އަލީ މިފްރާހު އަހުމަދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މައްސަަލަ އެ ކޯޓަށް ހުށަހެޅިފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ކަމަށާއި މިހާރު އެ މައްސަލަ ކޯޓުން ބަލައިގެންފައިވާކަމަށެވެ.
ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން މަންޒަރު ދުށް މީހަކު ވެސް އަދި އެ މީހުން ކުށުގެ ވެށީގައި ތިއްބާ ފެނުނު އެެއްވެސް މީހަކު ވެސް ތަހުގީގަށް ބަޔާންދީފައި ނުވެ އެވެ. އަދި އަލީމާއި މިފްރާހުގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލާފައި ވަނީ ދައުވާ ކުރެވޭވަރަށް ހެކި ނެތުމުން ކަންވެސް ސަން އޮންލައިނަށް ވަނީ އެނގިފަ އެވެ.
ލާންސްކޯޕްރަލް އާދަމް ހަލީމްގެ މަރާގުޅިގެން ހޯމް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އަރުހަމް މަރާލި މަންޒަރު ދުށް މީހުން ތިބިކަމަށް ފުލުހުންނަށް އެނގިފައިވާކަމަށެވެ. ނަމަވެސް އެ މީހުން ހެކިބަސް ދިނުމަށް ބޭނުން ނުވާކަމަށް ވެސް ކޮމިޝަނާ ވަނީ ވިދާޅުވެފަ އެވެ.
ދަރުމަންތަ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލުކުރަމުންދިޔަ އަރުހަމް މަރާލާފައި ވަނީ ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުހަމް މަރާލުމާ ގުޅިގެން ނޫސްބަޔާން މެދުވެރިކޮށް ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ކުށްވެރިވާ ފަރާތްތައް ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެންދަން ފުލުހުންގެ ހުރިހާ ރިސޯސްއެއް ބޭނުން ކުރާނެ ކަމަށެވެ.