23 Oct 2012, 21:09
ބޮލީވުޑުގެ މަޝްހޫރު ފިލްމު ޑިރެކްޓަރ ޔާޝް ޗޯޕްޅާ ކުއްލިއަކަށް މަރުވި މަރުވުމުގެ ސަބަބުން ހިތް ކުދިކުދި ވެއްޖެ ކަމަށް މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާން ބުނެފިއެވެ. ޝާހްރުކް ބުނާ ގޮތުގައި ޔާޝް ޗޯޕްޅާ މަރުވުމުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއް ފަރާތަކަށް ވާނީ ޚުދު އޭނާއެވެ. ޝާހްރުކް ބުނާ ގޮތުގައި ޔާޝް ޗޯޕްރާ އަކީ ފިލްމީ ދުނިޔޭގައި އޭނާގެ ބައްޕައެވެ.
ބޮލީވުޑުގައި ލޯބީގެ ފިލްމުތައް އުފެއްދުމާއި ޑައިރެކްޓު ކުރުމުގައި ޔާޝް ޗޯޕްޅާ މަޝްހޫރުކަން ހޯދައިފައިވާ ފަދައިން ޝާހްރުކް ޚާނަކީ ލޯބީގެ ފިލްމުތަކުގައި އެކްޓު ކުރުމުން މަޝްހޫރުކަން ހޯދައިފައިވާ ތަރިއެކެވެ. އަދި ހަމަ އެހެންމެ ޝާހްރުކް ޚާން ކުޅެފައިވާ ލޯބީގެ ގިނަ ފިލްމުތަކުގައި އެކި ގޮތްގޮތުން ޔާޝް ޗޯޕްޅާގެ އެހީތެރިކަން ޝާހްރުކަށް ލިބިފައިވެއެވެ.
ފަހަކަށް އައިސް ޔާޝް ޗޯޕްޅާ ވަނީ އޭނާގެ ފިލްމުތަކުގައި ޝާހްރުކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައެވެ. މި ގޮތުން ދިލްތޯ ޕާގަލްހޭ އާއި ވީރް ޒާރާ ފަދަ ފިލްމުތައް ފާހަގަ ކުރެވެއެވެ. ޔާޝް ޗޯޕްޅާގެ އެންމެ ފަހުގެ ފިލްމު އަދި މިއަހަރުގެ ނޮވެންބަރު މަހުގައި ރިލީޒް ކުރާން ހަމަޖެހިފައިވާ "ޖަބް ތަކް ހޭ ޖާން"ގެ ބަޠަލަކީ ވެސް ޝާހްރުކް ޚާނެވެ. މި ފިލްމުގައި ޝާހްރުކްގެ އިތުރުން ހަރަކާތްތެރި ވާނީ ކެތުރީނާ ކައިފް އަދި އަނުޝްކާ ޝަރުމާއެވެ.
އުމުރުން 80 އަހަރުގައި ޔާޝް ޗޯޕްޅާ މަރުވެފައިވަނީ ޑެންގީ ހުން ޖެހިގެން، ބާންދްރާގެ ލީލާވަތީ ހަސްފަތާލުގައި، ފަރުވާ ހޯދަމުން ދާތާ ހަފްތާތައެއް ވެފައި ވަނިކޮށް ހަށިގަނޑުގެ އެތައް ގުނަވަނެއް ފޭލިވުމުގެ ސަބަބުންނެވެ. މިއަދު ވަނީ ޔާޝް ޗޯޕްޅާއަށް އެންމެ ފަހުގެ އިހުތިރާމް އަދާ ކޮށް، ހިންދޫ ދީނުގެ އާދަކާދައިގެ މަތީން އޭނާގެ ހަށިގަނޑު އަންދައިލައިފައެވެ. އޭނާގެ ހަށިގަނޑު އަންދައިލީ ވިލް ޕާލް ކްރެމެޓޯރިއަމްގައި އިންޑިޔާ ގަޑީން މިއަދު ހަވީރު 3 ޖެހި އިރުއެވެ.