14 Sep 2010, 09:52
ހއ. ކެލަޔާއި ދިއްދު އާއި ވަށަފަރާ އަދި އުތީމު މީހުން ދަތުރު ދިއުމަށް ބޭނުން ކުރާ ބިނާފުށި ކުއްޔަކާ ނުލައި ޔޮޓް ޓްއާސް އާ "ބަލަހައްޓަން" ހަވާލުކުރުމަށް މަތި އުތުރު ޕްރޮވިންސް އޮފީހުން މިއަދު އަތޮޅު އޮފީހަށް އަންގައިފި އެވެ.
މަތި އުތުރު ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ ނައިބު އަބްދުއްލަތީފު ގާސިމް މިއަދު ވިދާޅުވީ، އަތޮޅު އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ރަށް، ޔޮޓް ޓުއާސް އާ ހަވާލުކުރެއްވީ ވަގުތީ ގޮތުން ކަމަށާއި ވަރުވާ އަށް އެ ރަށް ބަޔަކަށް ލިޔެ ދިނުމަށް މިހާރު ވާނީ އެގްރިކަލްޗާ މިނިސްޓްރީ އަށް ލިއުއްވާފައިވާ ކަމަށެވެ.
އެ ރަށް "ބަލަހައްޓަން" ހަވާލުކުރެއްވީ ކިހާ ދުވަހަކަށްތޯ ދެންނެވުމުން ނައިބު ވިދާޅުވީ "އެގްރިކަލްޗާ މިނިސްޓްރީ އަށް ލިއެގެން ވަކިގޮތެއް ހެދެންދެން" ހަވާލުކުރެއްވުމަށް އަތޮޅު އޮފީހަށް އެންގެވީ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވާނީ އެގްރީކަލްޗާ މިނިސްޓްރީ އަށް ލިއެފައި،" އަބްދުއްލަތީފު ވިދާޅުވި އެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއް ކަމަށާއި އެ ރަށް ބެލެހެއްޓުމަށް ހަވާލުކޮށްފައި ވާނީ އަތޮޅު އޮފީހާ ކަމަށެވެ.
ޔޮޓް ޓުއާސްގެ މެނޭޖިން ޑައިރެކްޓަރު އަބުދުﷲ ޖާބިރު މިއަދު ވިދާޅުވީ އޭނާގެ އަލިދޫ ރިސޯޓްގައި ބީޗެއް ނެތުމާ އެކު އަލިދު އަށް އަންނަ ޓޫރިސްޓުން އެކްސްކާޝަނަށް ދިއުމަށް ބިނާފުށި ހޯއްދެވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެދިވަޑައިގެންފައި ވާނީ ސަރުކާރުން ދެއްވާ ކުއްޔަކަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށް ޔޮޓް ޓުއާސް އާ ހަވާލުކުރިއަސް، އެ ރަށާ ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްރަށުގެ މީހުންނަށް އެ ރަށަށް ދަތުރު ދެވޭނެ ކަމަށެވެ.