މިދިޔަ އަހަރުގެ އަށް މަސްދުވަހާއި އަޅާބަލާއިރު މި އަހަރުގެ އަށް މަސްދުވަހު މުދާ ބޭރުކޮށްގެން ނޫނީ އެކްސްޕޯޓުން ރާއްޖެއަށް ލިބުނު އާމްދަނީ އިތުރުވެ އަދި އެ މުއްދަތުގައި ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަދަދުވެސް ބޮޑުތަނުން އިތުރުވެއްޖެ އެވެ.

ޕްލޭނިން ޑިޕާޓްމަންޓްގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަށް މަސް ދުވަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެ ކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން މިއަހަރުގެ އޮގަސްޓްމަހު އެކަނިވެސް 700 މިލިއަން ރުފިޔާގެ ތެޔޮ ވަނީ އެތެރެކޮށްފަ އެވެ. ނަމަވެސް 2011 ވަނަ އަހަރުގެ އޮގަސްޓްމަހު އެތެރެކުރީ 490 މިލިއަން ރުފިޔާގެ ތެލެވެ. ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ އިންޑަސްޓްރިއަލް ސަޕްލައިސްއެވެ. އެގޮތުން މިއަހަރު 500 މިލިއަން ރުފިޔާގެ އިންޑަސްޓްރިއަލް ސަޕްލައި އެތެރެ ކޮށްފައިވާއިރު މިދިޔަ އަހަރު އެތެރެ ކުރީ 300 މިލިއަން ރުފިޔާގެ ތަކެއްޗެވެ.

ތިން ވަނައަށް އެންމެ ގިނައިން މިއަހަރު ރާއްޖެ އެތެރެ ކުރި، ކާބޯތަކެތީގެ ބާވަތްތަކުން 350 މިލިއަނެއްހާ ރުފިޔާގެ ތަކެތި މިއަހަރުގެ އޮގަސްޓްމަހު އެތެރެ ކުރި އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެ ކުރީ 370 މިލިއަން ރުފިޔާގެ ތަކެއްޗެކެވެ. ދުއިސައްތަ ފަސްދޮޅަސް މިލިއަން ރުފިޔާގެ ކޮންޒިއުމާ ގުޑްސް އޮގަސްޓްމަހު ރާއްޖެ އެތެރެކޮށްފައި ވާއިރު 200 މިލިއަން ރުފިޔާގެ މެޝިނަރީވެސް ވަނީ އެތެރެކޮށްފަ އެވެ.

އެ ބާވަތްތަކުގެ ޖުމްލައަށް ބަލާއިރު މިދިޔަ އަހަރުގެ އަށް މަސްދުވަހަށް ވުރެ މި އަހަރުގެ އަށް މަސްދުވަހު ރާއްޖެ އެތެރެ ކުރި ތަކެތީގެ އަދަދު ވަނީ 22.5 ޕަސެންޓަށް އިތުރުވެފަ އެވެ. މިއަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓް މަހު މުދާ އެތެރެ ކުރި އަދަދުވަނީ 9.9 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރު އޮގަސްޓް މަހާ އަޅައި ބަލާއިރު މި އަހަރުގެ އޮގަސްޓްމަހު މުދާ އެތެރެ ކުރެވުނު އަދަދުވަނީ 16.7 ޕަސެންޓް އިތުރުވެފަ އެވެ.

މުދާ އެތެރެ ކުރެވުނު އަދަދު އިތުރުވި ނަމަވެސް މިއަހަރުގެ މިހާތަނަށް ރާއްޖޭން ބޭރު ކުރެވުނު މުދަލުގެ އަދަދު އިތުރުވެ އާމްދަނީވެސް ވަނީ ދަށަށްގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އަށް މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ އަށް މަސްދުވަހު މުދާ ބޭރުކޮށްގެން ލިބުނު އާމްދަނީ ވަނީ 40.9 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓްމަހު އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ 7.9 ޕަސެންޓް އިތުރުވެފަ އެވެ.

މިއަހަރުގެ އޮގަސްޓްމަހުވެސް އެންމެ ގިނައިން ރާއްޖޭން ބޭރު ކުރީ މަހުގެ ބާވަތްތަކެވެ. އެގޮތުން ފިނިކުރި މަހާއި ދިރޭމަސް ބޭރުކޮށްގެން 66 މިލިއަން ރުފިޔާ ލިބުނެވެ. އަދި ހިކިމަސް ބޭރުކޮށްގެން 83 މިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި ދަޅުމަސް ބޭރުކޮށްގެން 85.5 މިލިއަނެއްހާ ރުފިޔާވެސް ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ.