23 Oct 2012, 17:25
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ހަތަރު ވަނަ ގައުމީ ޖަލްސާ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.
ޑީއާރުޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، އެ ޕާޓީގެ ގައުމީ މަޖިލީސް ބޭއްވުމަށް ނިންމާފައިވާ ތާރީހަކީ ޑިސެމްބަރު މަހުގެ 19 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކަމަށް އެ ޕާޓީން މިއަދު އާންމުކުރި ބަޔާނެއްގައިވެ އެވެ.
ޑީއާރުޕީން ބުނީ، ގައުމީ ޖަލްސާގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކުން 950 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ގައުމީ ޖަލްސާއާ ބެހޭ ގޮތުން ޑީއާރުޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޑރ. އަބްޑުﷲ މައުސޫމް މިއަދު ވިދާޅުވީ، ޕާޓީގެ ގައުމީ ޖަލްސާގައި މައިގަނޑު ގޮތެއްގައި ބޮޑަށް ބަލާފައި ވަނީ މިވަގުތު ޕާޓީގެ އެކިއެކި މަގާމުތަކުން ހުސްވެފައި ހުރި މަގާމްތަކަށް ބޭފުޅުން އައްޔަންކުރުން ކަމަށެވެ. އެހެން ނަމަވެސް ކައުންސިލުން އަދި ނިންމާފައި އޮތީ ޕާޓީގެ ގައުމީ މަޖިލީސް ބާއްވާނެ ތަނާއި ތާރީހު އެކަނި ކަމަށެވެ. އަދި ކުރިއަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި ގައުމީ ޖަލްސާގެ ކަންކަން ކުރިއަށް ދާނެ ގޮތުގެ އެޖެންޑާއެއް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
ޑީއާރުޕީއަކީ ދެ ވަނަ އަށް ރާއްޖޭގައި އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ އެވެ.