23 Oct 2012, 17:14
މ. ފެއަރީ ކޯނާ އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ބައެއް މީހުން ތަހުގީގު ބަޔާނާއި އިދިކޮޅަށް މިއަދު ހެކިބަސް ދީފައިވާތީ އެ މީހުންނާއި މެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޝަރީއަތުން ދައުލަތަށް އަންގައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކީންގެ ހެކިބަހާއި ވާރިސުންގެ ބަޔާން ނެގުމަށް ފަހު ގާޒީ ވިދާޅުވީ ތަހުގީގު ބަޔާނާއި ދެކޮޅަށް ހެކިބަސް ދިން މީހުންނާއި މެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޝަރީއަތުގެ ފަރާތުން ދައުލަތަށް އަންގާ ކަމަށެވެ. އަދި ވިދާޅުވީ އެ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހެނީ އެފަދަ ކަންތަށް ތަކުރާރު ވިޔަ ނުދިނުމަށް ކަމަށެވެ.
"ތަހުގީގު ބަޔާނާއި ދެކޮޅަށް ހެކިބަސް ދިން މީހުންނާއި މެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޝަރީއަތުން ދައުލަތަށް އަންގަން. އެއީ މިފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި،" ގާޒީ ވިދާޅުވި އެވެ.
ޝިފާން މަރާލިކަމަށް ތުހުމަތު ކުރެވޭ ހަ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތަހުގީގަށް ދިން ބަޔާނުގައި އޭނާއަށް ވަޅިން ހަމަލާދިން މަންޒަރު ފެނުނުކަމަށް ބުނި ބައެއް މީހުން ވަނީ ތަހުގީގު ބަޔާނާއި ދެކޮޅަށް ހެކިބަސް ދީފަ އެވެ.
ތަހުގީގު ބަޔާނާއި ދެކޮޅަށް ހެކިބަސް ދިން މީހުން ބުނީ ޝިފާނަށް ވަޅިން ހަމަލާދިން މަންޒަރު އެމީހުންނަށް ފެނުނު ކަމަށާއި ނަމަވެސް ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ހަ މީހުން ވެސް އޭނާއަށް ހަމަލާދިން މީހުންގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހުންގެ ވަކީލުން ވަނީ އެ މީހުންނާއި ދެކޮޅަށް ހެކި ލިބިފައި ނުވާތީ އެމީހުން ބަންދުން ދޫކޮށްލުމަށް ޝަރީއަތުގައި އެދިވަޑައިގެންފަ އެެވެ.
ދިފާއީ ވަކީލުން އެގޮތަށް އެދިވަޑައިގަތުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުން އެކަމާ ދެކޮޅު ހަދާކަމަށެވެ. އަދި ވިދާޅުވީ ދައުވާ ލިބޭ މީހުންގެ ތެރެއިން ބަންދުން ދޫކޮށްލާފައިވާ މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ ހައްޔަރުކުރުމަށް ވެސް ދައުލަތުން އެދޭކަމަށެވެ.
ދިފާއީ ވަކީލުންނާއި ދައުލަތުގެ ވާހަކަތަކަށް ފަހު ގާޒީ ވިދާޅުވީ ހެކި ނުލިބުމަކީ އެމީހުން މުޖުތަމައުއަށް ނުރައްކާތެރި ނޫން ބަޔެއްކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމަށެވެ. އަދި މިޝާން އަބްދުލް ހާދީ އާއި ދައުވާ ލިބޭ އެހެން މީހުން ވެސް ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބޭތިއްބުމަށް އަމުރު ކުރެއްވުމަށް ފަހު ގާޒީ ވިދާޅުވީ އެ ނިންމުން ދެން ބަދަލުނުކުރައްވާނެ ކަމަށެވެ.