އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު 44 ކައުންސިލަކުން އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށް އެލްޖީއޭ އިން ބުނެފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބާ ގުޅިގެން 1319 އެޕްލިކޭޝަން އެލްޖީއޭ އަށް ހުށަހަޅާފައިވެ އެވެ.

އަދި މިމަހުގެ 18 ވަނަ ދުވަހު ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ބާއްވާފައިވާ އިރު،44 ކައުންސިލަކުން އެއްވެސް ކެންޑިޑޭޓަކު މިފަހަރުގެ އިންތިޚާބަށް ކުރިމަތިލާފައެއް ނުވެ އެވެ. ނަމަވެސް އެ ތަންތަނުގެ ނަންތައް އެލްޖޭއޭ އަކުން ނުބުނެ އެވެ.

އެލްޖީއޭގެ ބޯޑު މެމްބަރު އަހުމަދު ފައިސަލް މިއަދު ވިދާޅުވީ އެ ކައުންސިލްތަކުގެ އިންތިޚާބު ފަހުގެ ތާރީހެއްގައި އަނެއްކާ ވެސް އިޢުލާން ކުރާނެ ކަމަށެވެ. އަދި ކުރިން ވެސް ހަމަޖެހިފައި އޮތް ތާރީހުގައި އިންތިޚާބު އޮންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އެއީ ގާނޫނުގައި ބާއްވަން ބުނެފައި އޮންނަ އިންތިހާބެއް ވީމާ އެކަން ކުރިއަށްދާނެ،" ފައިސަލް ވިދާޅުވި އެވެ.

އެލްޖީއޭ އިން ބުނީ ކޮމެޓީގެ މެމްބަރުން ތިބެން ޖެހޭ އަދަދަށް ވުރެ އިތުރަށް ކުރިމަތިލާފައި ވާތީ ވޯޓަކަށް ދާންޖެހެނީ 102 ރަށު ކައުންސިލް ކަމަށެވެ.

ކޮމެޓީގައި މެމްބަރުން ތިބެން ޖެހޭ އަދަދަށް ވުރެ އިތުރަށް ކުރިމަތިލާފައިވާތީ މާލޭ ސިޓީ ކައުންސިލްގެ ފަސް އިންތިޚާބީ ދާއިރާއަކުން ވޯޓަކަށް ދާންޖެހެ އެވެ. އަދި އައްޑޫސިޓީ ކައުންސިލްގެ ދެ އިންތިޚާބީ ދާއިރާއެއްގައި ކޮމެޓީގައި މެމްބަރުން ތިބެން ޖެހޭ އަދަށް ވުރެ އިތުރަށް ކުރިމަތިލާފައިވާތީ ވޯޓަކަށް ދާންޖެހެ އެވެ.

ކޮމެޓީގައި މެމްބަރުން ތިބެން ޖެހޭ އަދަދަށް ކުރިމަތިލާފައި ވަނީ 23 ކައުންސިލަކުންނެވެ. އެއީ އައްޑޫ ސިޓީގެ ހަތަރު އިންތިހާބީ ދާއިރާއަކުންނާއި މާލޭ ސިޓީގެ ހަ އިންތިހާބީ ދާއިރާއަކުންނެވެ.

ސަތޭކަ ފަންސާސް ނުވަ ކައުންސިލެއްގައި ފަސް މެމްބަރުން ތިބެންޖެހޭ އިރު، 26 ކައުންސިލެއްގައި ހަތް މެމްބަރުން ތިބެންޖެހެ އެވެ. އަދި ނުވަ މެމްބަރުން ތިބެން ޖެހެނީ ތިން ކައުންސިލްގަ އެވެ.