ވެސްޓްޕާކް ރެސްޓޯރަންޓް ކައިރިން މ. ފެއަރީ ކޯނާ އަލީ ޝިފާން މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަ މީހުންގެ ތެރެއިން ތިން މީހަކާ ދެކޮޅަށް ހެކިބަސް ދީފި އެވެ.

އެ ތިން މީހުންނަކީ މ. ދިންމަނަ އަބްދުﷲ ތިލްމީޒާއި މާލޭ ދަފްތަރު 3912 މުހައްމަދު ޝައިފަން އާއި މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ އެވެ. އެ މައްސަލައިގައި ދަައުވާ ލިބޭ އަނެއް ތިން މީހުން ކަމަށްވާ ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއް ރަހުމާންއާ ދެކޮޅަށް މިއަދު އެކަކުވެސް ހެކިބަސް ދީފައެއްނުވެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ފަސް މީހުންގެ ހެކިބަސް ވެސް ނަގާފައި ވަނީ ހެކީންނަކީ ކޮންބައެއްކަން ނޭނގޭގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑު ބަދަލުކޮށްގެނެވެ.

ހެކިބަސް ދިން މީހުންގެ ތެރެއިން މީހަކު ބުނީ މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބޮޑުތަކުރުފާނު މަގު އެސްޓީއޯ ކައިރިން އޭނާ ހިނގާފައި ދަނިކޮށް ސައިކަލްތަކެއްގައި ބަޔަކު ދަނިކޮށް އޭނާއަށް ފެނުނު ކަމަށެވެ. އަދި އެ ވަގުތު އެތަނުން ސައިކަލެއްގެ ފަހަތުގައި އިނދެ އެ މީހުންގެ ތެރެއިން ޝައިފަން ފަހަތް ބަލާލިތަން އޭނާ ދުށްކަމަށް ވެސް ހެކިބަސް ދިން މީހާ ބުންޏެވެ.

ހެކިބަސް ދިން އެހެން މީހަކު ބުނީ މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:45 އެހާކަންހާއިރު ވެސްޓް ޕާކް ރެސްޓޯރެންޓް ކުރިމަތީގައި އަލީ ޝިފާން ހުއްޓާ ސައިކަލްތަކުގައި ހަތަރު މީހަކު އައިސް އޭނާގެ ގައިގައި ތަޅައިގަތް މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ.

ދައުލަތުގެ ވަކީލާ ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އެމީހާ ބުނީ އަލީ ޝިފާނަށް ހަމަލާދިން މީހުންގެ ތެރޭގައި ދައުވާ ލިބޭ ޝައިފަން ވެސް ހިމެނޭ ކަމަށެވެ. އަދި ޝައިފަން ހަމަލާދިންތަން ދުށްނަމަވެސް އޭނާގެ އަތުގައި ވަޅިއެއް ނެތްކަމަށް ވެސް ހެކިބަސް ދެމުން އެމީހާ ބުންޏެވެ.

މީގެއިތުރުން ޝައިފަން އާއި ދައުވާ ލިބޭ ތިލްމީޒު ސައިކަލްގެ ފަހަތުގައި އިންދާ ފެނުނު ކަމަށް ވެސް ހެކިބަސް ދެމުން އެމީހާ ވަނީ ބުނެފަ އެވެ.

އެ ދެ މީހުންގެ އިތުރަށް ހެކިބަސް ދިން އެހެން މީހަކު ވެސް ވަނީ ޝައިފަންއާ ދެކޮޅަށް ހެކިބަސް ދީފަ އެވެ. ހެކިބަސް ދިނުމުގެ ކުރިން އޭނާ ބުނީ ފޯނުން ގުޅައި އެކި ފަހަރު މަތިން އޭނާ އަށް މަރުގެ އިންޒާރު ދީފައިވާކަމަށެވެ. ނަމަވެސް މަންޒަރު ފެނުނުގޮތަށް ތެދުބަހުން ހެކިބަސް ދިނުމަށް ދައުލަތުން އެދުމުން އެމީހާ ވަނީ ހެކިބަސް ދީފަ އެވެ.

ދައުލަތުގެ ވަކީލާ ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އެ މީހާ ބުނީ ދައުވާ ލިބޭ މީހުންގެ ތެރެއިން ޝައިފަން އާއި މިޝާން ވަޅި ހިފައިގެން ސައިކަލުން ފޭބިތަން އޭނާއަށް ފެނުނު ކަމަށާއި ޝައިފަން އިނީ ތިލްމީޒު ދުއްވި ސައިކަލްގެ ފަހަތުގައި ކަމަށެވެ.

ވެސްޓްޕާކް ރެސްޓޯރަންޓް ކުރިމަތީގައި އަލީ ޝިފާން ހުއްޓާ އެ ދެ މީހުންނާއި އިތުރު ބަޔަކު ވަޅި ހިފައިގެން އޭނާއާ ދިމާލަށް ދިޔުމުން މަންޒަރު ބަލަން ހުރެފަގޮސް އެ ރެސްޓޯރަންޓް ތެރޭގައި ތިބި އަލީ ޝިފާންގެ ރައްޓެހިން ކައިރީ އެވާހަކަ ބުނިކަމަށް ވެސް އެމީހާ ބުންޏެވެ. އަދި އަލީ ޝިފާންގެ ރައްޓެހިން ކައިރީ އެވާހަކަ ބުނެފައި އޭނާ އައި ވަގުތު އެ މީހުން އެތަނުގައި ނެތް ކަމަށާއި އެވަގުތު އަލީ ޝިފާނަށް ހަމަލާދީފައިވާކަމަށް ވެސް އެމީހާ ބުންޏެވެ.

ޝައިފަންއާ ދެކޮޅަށް ހެކިބަސް ލިބިފައިވާއިރު ދައުލަތުގެ ވަކީލާ ވިދާޅުވީ ޝައިފަންގެ ޑީއެންއޭ އާއި ނިޔާވި އަލީ ޝިފާންގެ ޑީއެންއޭ ވެސް ދިމާވާކަމަށެވެ.

ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުން އަލީ ޝިފާނަށް ވަޅިން ހަމަލާދިން މަންޒަރު ދުށްކަމަށް ބުނެ ތަހުގީގަށް ބަޔާންދީފައިވާ ދެ މީހެއްގެ ހެކިބަސް ނެގުމުން އެ މީހުން ބުނެފައި ވަނީ އޭނާއަށް ހަމަލާދިން މަންޒަރު ދުށްކަމަށެވެ. ނަމަވެސް ހަމަލާދިން މީހުންގެ ތެރޭގައި ދައުވާ ލިބޭ ހަ މީހުން ވެސް ނުހިމެނޭ ކަމަށް ބުނެ ތަހުގީގު ބަޔާނާއި އިދިކޮޅަށް އެ ދެ މީހުން ވަނީ ހެކިބަސް ދީފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަލީ ޝިފާންގެ 11 ވާރިސެއްގެ ބަޔާން ނެގުމުން އެ އެންމެން ވެސް ބުނީ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ.

ވާރިސުންގެ ބަޔާން ނެގި މީހުންގެ ތެރޭގައި ހިމެނެނީ އަލީ ޝިފާންގެ ބައްޕަ އިބްރާހިމް އަހުމަދާއި މަންމަ އާމިނަތު މުފީދާއި އޭނާގެ އަންހެނުން ފާތިމަތު ޒާދާ ވަހީދުގެ އިތުރުން އޭނާގެ ކޮއްކޮ އިންނާއި ބޭބެއިން ނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހަޅަން ކަމަށާއި އެއަށްފަހު އަންނަ މަހުގެ 25 ވަނަ ދުވަހު ހުކުމް އިއްވާނެ ކަމަށެވެ.