ހއ. ބާރަށު މެޖިސްޓުރޭޓް ކޯޓްގެ ތިޖޫރިފަޅާލައި ވައްކަންކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ އެ ތިޖޫރި ފަޅާލުމަށް ފަހު 5000ރ. ނަގާފައިވާ ކަމަށެވެ.

ނަމަވެސް އެވަގުތު އެ ތިޖޫރީގައި ހުރީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގްކުރުމުގެ ގޮތުން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރޭގެ ދަންވަރު ކޮށްފައިވާ އެވައްކަމުގައި އެކޯޓަށް ވަދެފައި ވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ.

އެ މައްސަލާގައި ބާރަށު ކައުންސިލް އިދާރާ އަށާއި މެޖިސްޓުރޭޓް ކޯޓަށް ގުޅުމުން އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް ދިނުމަށް ބޭނުންނުވާ ކަމަށް ބުނުމުން އިތުރު މައުލޫމާތެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.