ރައްޔިތުންގެ މަޖިލީހުގައި ނަގައި އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުގެ ގަވާއިދަށް އިސްލާހުގެންނަން މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒެވެ. ރައީސުލްޖުމްހޫރިއްޔާ އިތުބާރު ނެތް ކަމުގެ ވޯޓާއި އަދި ހޯމް މިނިސްޓާ ޑރ. މުހަންމަދު ޖަމީލުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިމަތީގައި އޮތުމުން އެ އިސްލާހު އާންމު ކޮމެޓީއަށް ހުށަހަޅާ މެންބަރުން ވަނީ އެ އިސްލާހާ މެދު ބަހުސްކުރައްވައިފަ އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވިދާޅުވީ ބަހުސަށް ފަހު ވޯޓަށް ހުޅުވާލުމުން އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރަކު ވަނީ އެ އިސްލާހަށް ތާއީދުކޮށްފަ އެވެ. އެއާ އެކު އެ އިސްލާހު ފާސްކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން މިއަދު ނިންމި އެވެ.

ޝިފާޒް އެ އިސްލާހު މަޖިލީހަށް ވެއްދީ މީގެ ކުރިން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އެ އިސްލާހު ހުށަހެޅުއްވުމަށް ފަހު އަބުރާ ގެންދެވުމުންނެވެ.

ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ގާނޫނު އަސާސީގައިވެ އެވެ. އެއީ 52 މެމްބަރުންނެވެ. މިހާރު އޮންނަ އުސޫލުގެ ދަށުން އެ ވޯޓު ނަގާނީ އާންމުކޮށް ވެސް މަޖިލީހުގައި ވޯޓަށް އަހާ އުސޫލުން ހާމަކޮށެވެ. މިނިސްޓަރުންނާއި އެހެންވެސް މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މައްޗަށް ވެސް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހެނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި އެ ތަފްސީލްތައް މަޖިލީހުގެ ވެބް ސައިޓުގައިވެސް ޝާއިއުކުރެ އެވެ.