23 Oct 2012, 15:50
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުންނާއި މައުލޫމާތު ލިބުމަށް ހުރި ދަތިތަކާ ބެހޭ ގޮތުން ދައުލަތުގެ އިސް މުއައްސަސާތަކާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ރޭ އޮތް ބައްދަލުވުމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މީޑިއާގެ ފަރާތްތަކުންނާއި މީޑިއާ ކައުންސިލުގެ މެމްބަރުން މުއައްސަސާތަކާ ސުވާލުތައް ކުރިމަތި ކުރި އެވެ.
ރޭ ބޭއްވި ބައްދަލުވުމަކީ މީޑިއަމްތަކުގެ އެޑިޓަރުންނާ އެކު މީޑިއާ ކައުންސިލްގެ ފަރާތުން ކުރިން ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު ފާހަގަ ކުރި ކަންކަމުގެ މައްޗަށް ބޭއްވި ބައްދަލުވުމެއް ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
ރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގައި ނޫސްވެރިންނަށް ހަމަހަމަ އުސޫލެއްގެ މަތީން ފުރުސަތު ހަމަޖައްސާފައި ނެތުމުން މީޑިއަމްތަކުގެ ތެރޭގައި ސަރުކާރުން ތަފާތު ކުރުމަށް މަގުފަހިވާ ކަމަށް ބައިވެރިން ފާހަގަކުރި އެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ބުނާ މީޑިއާ އޮފިސަރުން ސަރުކާރުގެ ބައެއް އިދާރާތަކުގައި ނުތިއްބަވާކަން ފާހަގަކޮށްފައިވެ އެވެ.
އެ ބައްދަލުވުމުގައި ސްޓޭކް ހޯލްޑާސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުން އެޑިޓަރުން ފާހަގަކޮށްފައިވާ ކަންތައް ބަލައިގަނެ އެ މައްސަލަތަކުގައި އެ ބޭފުޅުންގެ ހިޔާލުފާޅުކުރައްވާފައިވެ އެވެ.
މީޑިއާ ކައުންސިލްގެ ފަރާތުން ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިލެކްޝަންސް ކޮމިޝަން އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި ހޯމް އެފެއާޒް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި އަދި މީގެ އިތުރުން ބައެއް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.
އެ މަޝްވަރާ ބައްދަލުވުމުގެ ބައެއް މިރޭ ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.