ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުންވާ ގާނޫނެއް ކަމަށްވާ ހެއްކާއި ބެހޭ ގާނޫނު އަލުން ޑްރާފްޓް ކޮށް އާ ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ގިނަ ދުވަސްތަކެއް ވަންދެން ގޮތެއް ނުނިމި އޮތް ހެއްކާއި ބެހޭ ގާނޫނު އަލުން އެކުލަވާލައި އާ ބިލެއްގެ ގޮތުގައި ޑްރާފްޓް ކޮށްފައިވަނީ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކާއި މަޝްވަރާ ކުރެއްވުމައްފަހު އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް އެ ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އޭނާގެ އަމިއްލަފުޅު ބްލޮގް "އެމް ނަޝީދު ޑޮޓް ކޮމް"ގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ހެއްކާއިބެހޭ ގާނޫނުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ އެ އިދާރާތަކުގެ މަޝްވަރާއާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހެއްކާއިބެހޭ ގާނޫނު އަލުން އެކުވާލައި ޑްރާފްޓް ކުރުމުގައި މަޝްވަރާ ކުރީ ދައުލަތުގެ މުއައްސަސާތަކަކީ އެޓާނީ ޖެނެރަލްގެ އޮފީހާއި ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި، ދަށު ކޯޓު ތަކާއި، މަތީ މަރުހަލާގެ ކޯޓު ތަކާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ.

ނަޝީދު ވިދާޅުވެފައިވަނީ ހެއްކާއިބެހޭ ގާނޫނު އަލުން އެކުލަވައި ލުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މައިގަނޑު މަގުސަދަކީ ހެއްކާއިބެހޭ ގާނޫނަކީ ވަރަށް ފަންނީ ހަމަތަކުގެ މައްޗަށް އޮންނަން ޖެހޭ ގާނޫނަކަށް ވާތީ ކަމަށެވެ.

ބިލް އަލުން އެކުލަވާލުމަށްފަހު ކޮމެޓީގެ މެންބަރުންނަށް ބިލްގެ ކޮޕީއެއް އިއްޔެ ވަނީ ފޮނުއްވައިފަ އެވެ.