އެޅި ލެއެއްގެ ސަބަބުން ތެލެސީމިޔާ ބަލީގެ ކުއްޖަކު ހެޕަޓައިޓިސް ސީ (އެޗްސީވީ) އަށް ޕޮޒިޓިވްވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.


ނޭޝަނަލް ތެލެސީމިޔާ ސެންޓަރުން އެޅި ލެއެއްގެ ސަބަބުން ހެޕަޓައިޓިސް ސީއަށް ޕޮޒިޓްވްވި ތ. ތިމަރަފުށީ، އަސްރަފީގޭ އުމުރުން ނުވަ އަހަރުގެ ހިންދު އަލީގެ މަންމަ ނަސްރީނާ ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެމުން ބުނީ ފެށުނީއްސުރެ ތެލެސީމިޔާ ސެންޓަރުން މަހަކު ދެފަހަރު ލޭ އަޅަމުން އަންނަ ދަރިފުޅު ހެޕަޓައިޓިސްސީއަށް ޕޮޒިޓިވްވެއްޖެކަން އެނގުނީ ޑެސްފަރޯލާ ނުލައި ދޭންޖެހޭ ބޭހެއް ދިނުމުގެ ކުރިން ތެލެސީމިޔާ ސެންޓަރުން ހަދަން އެންގި ޓެސްޓެއް އައިޖީއެމްއެޗް މެދުވެރިވެގެން ރާއްޖޭން ބޭރުގައި ހެދުމުން ކަމަށެވެ.


ހިންދުއާއެކު ހަ ކުދިން ތިބޭ ނަސްރީނާ، 41، ބުނީ އޭނާގެ އެންމެ ހަގު ދަރިފުޅު ހެޕަޓައިޓިސްސީ އަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. "އެ ހިސާބުން އަޅުގަނޑު ބުނިން މިއީ ތެލެސީމިޔާ ސެންޓަރުގެ ޒިންމާއެކޭ ތިޔަބޭފުޅުން ޖާމިނުވެގެން މިކުއްޖާއަށް އެހީތެރިކަން ފޯރުވައިދޭންޖެހޭނެ. އެ މީހުން ބުނަނީ ރާއްޖެއަކުން މި ބަލީގެ ފަރުވާ ދެވޭކަށް ނެތޭ،" ނަސްރީނާ ބުންޏެވެ. "އަޅުގަނޑު ވާހަކަ ދެއްކީ މިކަމާ ހަވާލުވެގެން ހުންނަ އިސް ފަރާތް، ޑރ. ފަރުޒަނާއާ. އޭނާ ވިދާޅުވެގެން ޓެސްޓް ހެދީ ވެސް. ފަރުޒާނާ ވިދާޅުވީ ތިމަންނާމެނަކަށް ނުކެޖޭނޭ ހުރިހާ ތަންތަނުގައި ދަންނަވައިގެން ތިކަމާ އުޅޭކަށެއް."


ނަސްރީނާ ބުނީ ހިންދު ހެޕަޓައިޓިސް ސީއަށް ޕޮޒިޓިވްވި ލޭ، ތެލެސީމިޔާ ސެންޓަރުގެ ނަރުސް ކުދިން އެޅީ އޭގެ ދުވަސްތަކެއް ކުރިން ސެންޓަރަށް ހަދިޔާކުރުމުން ބްލަޑް ބޭންކުގައި ހުރިލެއިން ކަމަށެވެ. "އެ ލެޔަކީ ސަލްމާނު ހާނުމެން އައިސް މާލޭގައި ލޭ ހަދިޔާކުރުމުގެ ކުރިން އެހެން ބުރެއްގައި ހަދިޔާކުރި ލޭ. އެ ލޭ ހިންދު ގަޔަށް ދެފަހަރު މަތިން އެޅިން. ހަމަ ޔަގީނުން ވެސް އެ ލެއިން މިހެންވީ."


ނަސްރީނާ ބުނީ ހެޕަޓައިޓިސް ސީ އަށް ދަރިފުޅު ޕޮޒިޓިވްވުމުން ދަރިފުޅުގެ ލިވާއަށް އޭގެ ވައިރަސް ހަމަލާދީ އަށަގެންފައިވާ ކަމަށާއި ގިނަ ދުވަސް ވާނަމަ އެހެން ގުންވަންތަކަށް ވައިރަސް ހަމަލާދިނުމުގެ ފުރުސަތު ބޮޑުކަމަށް ޓެސްޓް ބެއްލެވުމަށް ފަހު ޑރ. ފަރުޒާނާ ވިދާޅުވެފައިވާ ކަމަށެވެ.


"ވަރަށް އަވަހަށް ބޭރަށް ގޮސް އިންޖެކްޝަން ޖަހައިގެން ސަލާމަތް ކުރެވިދާނެ ކަމަށް ވިދާޅުވި. ދެން ވިދާޅުވީ މީގައި އޮންނަނީ ދެ ގޮތެކޭ. އެއްގޮތަކީ ލޭ ބަދަލު ކުރުމޭ، އަނެއް ގޮތަކީ އެއް އަހަރާއި ހަ މަސްވަންދެން އިންޖެކްޝަން ޖެހުމޭ. ޓެސްޓަށް ބައްލަވައިގެން އިންނަވާ މި މައުލޫމާތު އަޅުގަނޑަށް ދެއްވީ ވެސް ޑރ. ފަރުޒާނާ."


ހެޕަޓައިޓިސް ސީއަކީ ހެޕަޓައިޓިސް ވައިރަސްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވައިރަހެވެ. މި ވައިރަސް ހަމަލާދެނީ މީހާގެ ލިވާއަށެވެ. ވައިރަސް ލިވާއަށް ހަމަލާދޭން ފެށުމުން ދާދި އަވަހަށް ލިވާ ހަލާކުކޮށްލަ އެވެ. އަދި ރީނދޫ ހުން ޖެހުމަށް ފަހު ކެންސަރަށް ބަދަލުވެ އެވެ. ލޭގެ ޒަރީއާއިން އަރާ މި ވައިރަހުގެ ބަލި ގައިންގައިން އަރާ ކަމަށް ވެސް ވެ އެވެ. ހެޕަޓައިޓިސް ސީގެ ވައިރަހަށް އަދި ވެކްސިނެއް ހޯދިފައިނުވާއިރު މި ބައްޔަށް ދޭ ފަރުވާއަކީ ދުނިޔޭގައި ވަރަށް އަގު ބޮޑު ފަރުވާއެކެވެ.


މި މައްސަލައާ ގުޅިގެން ނޭޝަނަލް ތެލެސީމިޔާ ސެންޓަރުގެ ޑިޕިއުޓީ ޑިރެކްޓަރު އަބުދުލްޣަފޫރު ވިދާޅުވީ އެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. ލޭ އަޅަނީ ސްކްރީންކޮށްފައި ނޫންތޯ ދެންނެވުމުން ޣަފޫރު ވިދާޅުވީ ކުދިން ގަޔަށް ލޭ އަޅަނީ ޓެސްޓްތައް ހެދުމަށްފަހު ކަމަށާއި ނަމަވެސް ލޭ އެޅުމަށް ފަހު އަންނަ ވިންޑޯޕީރިއެޑްގައި އެފަދަ ކަމެއް ހުރި ނަމަވެސް ނޭނގި ހިނގައިދާނެ ކަމަށެވެ. ލޭ އަޅާއިރު ކޮންމެ ކުއްޖަކަށް ވެސް ލޭ އަޅަނީ އެޗްއައިވީ އާއި ހެޕަޓައިޓިސް ބީ އާއި ސީ އާއި ވީޑީއާރެލް އަށް ޓެސްޓް ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާފައި ވަނީ ކޮން ގޮތަކަށްތޯ ސުވާލު ކުރުމުން ވިދާޅުވީ އެ ތަފުސީލުތައް އެނގިވަޑައިގަންނަވާނީ ޑރ. ފަރުޒާނާއަށް ކަމަށާއި ޑރ. ފަރުޒާނާ ހުންނެވީ ސަލާމުގައި ކަމަށެވެ.


ޑރ. ފަރުޒާނާއާ މިއަދު ގުޅޭ ގޮތެއް ނުވި އެވެ.


ތާޖުއްދީނު ސްކޫލްގެ ހަތަރު ވަނަ ގްރޭޑްގައި ކިޔަވާ ހިންދު ހެޕަޓައިޓިސް ސީއަށް ޕޮޒިޓިވްވެފައިވާތީ އޭނާއަށް ފަރުވާ ދިނުމަށް އެހީ ހޯދަން މިއަދު ހެނދުނު ނުކުމެ އުޅުނު، އެމްޑީޕީ އަށް ސަޕޯޓުކުރާ ނަސްރީނާ ބުނީ ތެލެސީމިޔާ ސެންޓަރުން ދިން ޖަވާބާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން މާރިޔާ ދީދީ މެދުވެރިކޮށް ރައީސް މުހައްމަދު ނަޝީދާ ވެސް ފޯނުން ވާހަކަ ދައްކައިފައިވާ ކަމަށާއި އެކަން ބައްލަވާނެ ކަމަށް ފޯނުކޯލުގައި ރައީސް ވިދާޅުވި ނަމަވެސް އަދި ޖަވާބެއް ނުދެއްވާ ކަމަށެވެ.


"މިކަމާ މިހާތަނަށް އުޅެދިނީ މުސްތޮފާ (ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު) އެކަނި. އޭނާ ވަރަށް ރަނގަޅު،" ނަސްރީނާ ބުންޏެވެ. ނަސްރީނާ އަކީ ސަރުކާރު ހިންގާ އެމްޑީޕީގެ މުޒާހާރާތަކާއި ބައްދަލުވުންތަކުގައި ވަރަށް އަޑުހަރު އެކްޓިވިސްޓެކެވެ. ނަމަވެސް އޭނާ މިއަދު ބުނީ ޕާޓީން އޭނާއާ މެދު ކަންތައް ބެހެއްޓީ ހިތްހަމަޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ޖެނެރަލް ސެކްރެޓަރީ ހަސަން ޝާހާ ބައްދަލުކުރަން މިއަދު ހެނދުނު ދިއުމުން ބައްދަލު ވެސް ނުވި ކަމަށެވެ. "މި ސަރުކާރު އައީ އަޅުގަނޑުވެސް ބުރަކޮށް އުޅެގެން. އެކަމަކު އަޅުގަނޑުގެ ދަރިފުޅަށް އެހީތެރިވެ، ފުރާނަ ސަލާމަތް ކޮށްދޭން އެމީހުން ނޫޅޭނަމަ އަޅުގަނޑު ބޭނުންވަނީ އެމްޑީޕީން ވެސް ވަކިވާން،" ނަސްރީނާ ބުންޏެވެ.


ކުޑަކުޑަ ހިންދު އަކީ އޭނާގެ އުމުރުން އެއް އަހަރުގެ ތެރޭގައި ބައްޕަ ނިޔާވެފައިވާ ކުއްޖެކެވެ. ސަންއެފްއެމް އޮންލައިންގެ ނޫސްވެރިން ގާތު ހިންދު މިއަދު ބުނީ އޭނާ ގަދަވެގެން، ބޮޑުވީމާ ވާނީ ޕޮލިހަކަށް ކަމަށާއި އޭރުން "ގޯސް މީހުން ހައްޔަރުކުރެވޭނެ" ކަމަށެވެ.