23 Oct 2012, 15:29
ހަތަރު ގައުމަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ރުހުންދީފި އެވެ.
ރާއްޖެ އިން ހަތަރު ސަފީރުން ކަނޑައަޅުއްވާފައި ވަނީ، އިންޑިއާ އާއި ލަންކާ އަށާއި އެމެރިކާގެ އިތުރުން ޗައިނާ އަށެވެ.
އިންޑިއާގެ ސަފީރު ކަމުގެ މަގާމަށް ހަމަޖެއްސެވީ މ. ފުންފުނި އަހްމަދު ނަސީރެވެ. ޗައިނާ ސަފީރު ކަމުގެ މަގާމަށް ހަމަޖެއްސީ ހ. ކަނޭޝްވިލާ އަހްމަދު ރަޝީދެވެ. ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މ. ކަލި ހުސެއިން ޝިހާބު އައްޔަން ކުުރުމަށް ރުހުން ދީފައިވާ އިރު އެ މަގާމުގެ އިތުރުން ފިލިޕީންސް އަށާއި އޮސްޓްރެލިޔާ އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ނޮންރެސިޑެންޓްގެ މަގާމަށް ވެސް އެބޭފުޅާ ހަމަޖެއްސުމަށް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. ހަމަ އެހެންމެ އެމެރިކާ އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މ. ވެސްޓްސައިޑް އަހްމަދު ސަރީރު އައްޔަން ކުރުމަށް ރުހުން ދީފައިވާ އިރު އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އަށް ރާއްޖެ އިން ކަނޑައަޅުއްވާ ދާއިމީ މަންދޫބު ކަމުގެ މަގާމަށް ވެެސް ސަރީރު އައްޔަން ކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ވަނީ ފާސްކޮށްފަ އެވެ.