ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށް ގެން ތައާރަފްކުރި، އާންމު ތަކެއްޗާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީއިން ވޭތުވެ ދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ލަފާ ކުރި އަދަދާ ކައިރިއަށްވެސް އާމްދަނީ ލިބިފައި ނުވާކަން ހާމަވެއްޖެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ސެޕްޓަމްބަރު މަސް ނިމުނު އިރު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 1.9 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން ޖީއެސްޓީން ލިބުނު އާމްދަނީ އަކީ ލަފާކުރި އަދަދަށްވުރެ 187.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެއީ 8.9 ޕަސެންޓް ދަށް އަދަދެކެވެ.

ޖީއެސްޓީއަކީ ދައުލަތަށް ލިބޭ އާމްދަނީގެ 24.4 ޕަސެންޓެވެ. އެއީ ދެ ވަނައަށް އެންމެ ގިނައިން އާމްދަނީ ލިބޭ ޓެކްސް އެވެ.

ވޭތުވެ ދިޔަ ތިން މަސްދުވަހުގެ ހިސާބުތަކަށް ބަލާއިރުވެސް ޖީއެސްޓީން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއާ އެއްވަރަށްވެސް އާމްދަނީ އެއް ނުލިބެ އެވެ. ޖީއެސްޓީއަށް މިދިޔަ ތިން މަހު ލިބިފައިވަނީ 543.10 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެއީ ލިބޭނެ ކަމަށް ލަފާކުރި 704.1 މިލިއަން ރުފިޔާއަށް ވުރެ 22.7 ޕަސެންޓް މަދު އަދަދެކެވެ. އެހެންކަމުން ޖީއެސްޓީން ލިބުނު އާމްދަނީއަކީ 160.2 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މިއަހަރުގެ ތެރޭގައި ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ މިދިޔަ މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ. އެގޮތުން ޖެނެރަލް ޖީއެސްޓީން ސެޕްޓެމްބަރު މަހުގެ ތެރޭގައި 64.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓީ-ޖީއެސްޓީން 111.8 މިލިއަން ރުފިޔާ ލިބުނެވެ. އޮގަސްޓް މަހުގެ ތެރޭގައި ޖެނެރަލް ޖީއެސްޓީން ލިބުނީ 79.7 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޖުލައި މަހުވެސް ޖެނެރަލް ޖީއެސްޓީން 105.6 މިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖީއެސްޓީ ތައާރަފް ކުރުމާއި އެކު ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ބަލައި ރާއްޖެ އެތެރެކުރާ ގިނަ މުދަލުގެ އަގުން ވަނީ އިމްޕޯޓް ޑިއުޓީ މާފްކޮށްފަ އެވެ. އަދި މުދަލުގެ އަގުވެސް 9- 13 ޕަސެންޓަށް ތިރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން އޭރު ލަފާކުރި ނަމަވެސް މުދަލުގެ އަގުވެސް ތިރިއެއްނުވި އެވެ. އޭގެ ބަދަލުގައި ދައުލަތުގެ އާމްދަނީން އެއްބިލިއަން ރުފިޔާގެ ގެއްލޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.

ޖީއެސްޓީ ތައާރަފްކުރިއިރު ނަގަމުން އައީ 3.5 ޕަސެންޓެވެ. ނަމަވެސް އެ އަދަދު ދެ ގުނައަށް ބޮޑުކޮށް މި އަހަރުގެ ޖެނުއަރީން ފެށިގެން ނަގަނީ ހަ ޕަސެންޓެވެ.