ދެހާސް ސާދަ ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓުބޯޅަ މުބާރަތް ދިވެހި ރާއްޖެގައި ބޭއްވުމަށް ހުށަހެޅިފައިވާ ބިޑާ މެދު މަޝްވަރާކޮށްފި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަސްވަރާ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އަދި އޭއެފްސީން ބައިވެރިވި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވީ، މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފް އާއި ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ރަޝީދު އަދި އެފްއޭއެމް އިން ބައިވެރިވީ ނާއިބު ރައީސް ހިޔަލީ މުޙައްމަދު ރަޝީދާއި ޖެނަރަލް ސެކްރެޓަރީ ޝާހް އިސްމާޢިލެވެ. އަދި އޭއެފްސީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވީ، މިވަގުތު ރާއްޖެ އަށް ވަޑައިގެން އުޅުއްވާ އޭއެފްސީގެ އޮފިޝަލް މިސްޓާ ޕަވެލް ލުޒަނޯވް އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމް އަދި އޭއެފްސީން އިސްވެރިން ގުޅިގެން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވުނީ، ރާއްޖެ އިން ހުށަހަޅާފައިވާ ބިޑާ މެދު އިތުރު މަޢްލޫމާތު ހޯދުމާއި މުބާރަތް ކުޅުމަށް ގަސްދުކުރެވިފައިވާ ދަނޑުތަކުގެ ހާލަތު ދެނަގަތުމަށެވެ.

މިއަހަރުގެ ކުރީކޮޅު ބޭއްވުނު ޗެލެންޖް ކަޕަށް އަލަށް ކޮލިފައިވެ އެމުބާރާތުގައި ރާއްޖެ ވަނީ އެދެވޭ ނަތީޖާއެއް ހޯއްދާފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ޗެލެންޖް ކަޕް ބާއްވާނެ ޤައުމެއް އޭއެފްސީއިން އަންނަ ނޮވެމްބަރު މަހު ކަނޑައަޅާ، އިޢުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޗެމްޕިއަން ޓީމަށް އޭޝިއަން ކަޕުން ޖާގަ ލިބޭ ޗެލެންޖް ކަޕުގައި އަށް ޓީމު ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުޅެން ޖެހޭނީ ދެ ސްޓޭޑިއަމެއްގަ އެވެ. މި ފަހަރުގެ މުބާރާތަށް ރާއްޖޭން ބިޑުކުރި އިރު އެފްއޭއެމް އިން ހުށަހެޅީ ގަލޮޅު ދަނޑުގެ އިތުރުން ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި މުބާރާތް ބޭއްވުމަށެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008 ގައި އިންޑިއާގައި، 2010 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި އިރު މި އަހަރު މިބުރާތް ބޭއްވީ ނޭޕާލުގަ އެވެ.