23 Oct 2012, 13:46
ދައުލަތުގެ މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމަށް "ޕޭ ކޮމިޝަނެއް" އުފެއްދުމާ މެދު ސަރުކާރުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ގޮވާލަައްވައިފި އެެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް 62،500 ރުފިޔާގެ މުސާރައިގެ އިތުރުން ކޮމެޓީ އެލަވަންސްގެ ގޮތުގައި ދެމުން އަންނަ 20،000ރ.ގެ އެލަވަންސް ކަނޑާލުމަށް ގަލޮޅު ދެކުނު ދައިރާގެ މެމްބަރު އަހްމަދު މަހްލޫފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ ސަރުކާރާއި މިނިވަން މުވައްސަތަކާއި ރައްޔިތުންގެ މަޖިލީހާއި އަދި އެ ނޫނަސް ދައުލަތުގެ މުސާރަވެރިންގެ މުސާރަ އާއި އެލަވަންސްތައް ކަނޑައެޅުމަށް "ޕޭ ކޮމިޝަނެއް" އުފައްދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ މުއައްސަސާތަކުން އުފުލާ ޒިންމާތަކާ ގުޅޭ ގޮތުން ޕޭ ކޮމިޝަނެއް އުފެއްދޭނެ ކޮންމެވެސް ގޮތްތަކެއް ހަދައި، އެ ޕޭ ކޮމިޝަނަކީ ރައްޔިތުން މަޖިލީހަށް މިކަންކަން [މިނިވަން މުއައްސަސާތަކާއި މަޖިލީސް މެންބަރުންނަށް މުސާރަ އާއި އިނާޔަތް ދިނުމާ ގުޅޭ ގޮތުން] ލަފާދޭ ކޮމިޝަނަކަށް ވެގެން ދިއުން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަަރުންނަށް ދޭ މުސާރަ އާއި ކޮމެޓީ އެލަވަންސް ފަދަ އެލަވަންސްތަކާ ދޭތެރޭ ގޮތެއް ނިންމޭނީ ވެސް އެފަދަ ޕޭ ކޮމިޝަނެއް އުފައްދައި ދިރާސާތަކެއް ކޮށްގެން ކަމަށެވެ.
"މިކަންކަން ވީމާ ކަންނޭނގެ އަޅުގަނޑުމެނަށް މަޖިލީސް މެމްބަރުނަށް މަޖިލީސް މެންބަރުންގެ މުސާރަ އާއި އިނާޔަތާ ދޭތެރޭގައި [ގޮތެއް ނިންމޭނީ]. މުސާރަ އިތުރުކުރާނީތޯ ނުވަތަ އިތުރަށް އުނިކުރާނިތޯ، ރީޒަނަބަލް [ޒިންމާދާރު ގޮތެއްގައި] ވާހަކަ ދެއްކޭނީ ވެސް އޭރުން،" އޭނާ ވިދާޅުވި އެވެ.
ބައެއް ބޭފުޅުންނަށް ދައުލަތުން ސިކިއުރިޓީދޭ އުސޫލާ މެދު ވެސް ޔާމީން ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުން އުފުލާ ޒިންމާތަކަށް ބަލައި އެ ބޭފުޅުންނަށް ސިކިއުރީ ހަމަނުޖައްސަނީސް، ސިކިއުރިޓީ ނަގަން ބޭނުންފުޅު ނުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ކަމަށެވެ. ނަމަވެސް ވަޒީރުނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސާދީފައިވާ ކަމަށާއި މަޖިލީސް މެމްބަަރުނަށް ވެސް ހަމަޖައްސައިދޭން ޖެހޭނީ އެމްއެންޑީއެފް ސެކިއުރިޓީ ކަމަށެވެ.
"ދައުލަތުން އެ ނިންމެވީ ހުރިހާ ވަޒީރުނަށް އެމްއެންޑީއެފް، ސިފައިންގެ ސެކިއުރިޓީ ދިނުމަށް. މިކަން ކުރާ އިރު ވިސްނާލަން ވާނެ ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައި ވެސް މަޖިލީސް މެންބަރުނަށް ވެސް ސެކިއުރިޓީ ދޭން ޖެހޭނީ އެމްއެންޑީއެފުންކަން، އެއީ އަމިއްލަ އަށް ސެކިއުރިޓީ އަށް ހޭދަ ކުރައްވާ ބޭފުޅުން [އެބަތިއްބެވި]." ޔާމީން ވިދާޅުވި އެވެ.