އެއްގަމު އުޅަދު ޕާކް ކުރުމުގެ ގަވާއިދުގެ ދަށުން މާލޭގެ މަގުމަތީގައި ޕާކް ކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް އާންމުންނާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާންމު ކޮށްފައިވާ އެއްގަމު އުޅަދު ޕާކް ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ވަނީ އެ ރަށެއްގެ މަގުމަތީގައި ޕާކިން ޒޯންތައް ކަނޑައަޅާނީ އެރަށެއްގެ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ އުސޫލެއްގެ މަތިން ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން އެކުލަވާލާ އުސޫލުތަކެއްގެ ދަށުން ޕާކްކުރާ އުޅަދުތަކުން ފީއެއް ނަގާގޮތަށް ޕާކިން އޭރިއާތަށް ކަޑައަޅަން ޖެހެނީ ސިޓީ ކައުންސިލްއިންނެވެ.

މާލޭ ސިޓީ ކައުންސިލް މެންބަރު މުހައްމަދު އަބުދުލް ކަރީމް(ރުކުމާ) ވިދާޅުވީ އެ ގަވާއިދުގެ ދަށުން މާލޭގެ މަގުމަތީގައި ޕާކްކުރާ އުޅަދުތަކުން ފީއެއް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ފީނަގާނެ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ފެށޭކޮޅު ފީ ނަގަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގަމު އުޅަދު ޕާކް ކުރުމުގެ ގަވައިދުގައި އަޅުގަނޑުމެނަށް ލިބިގެންވާ އިހްތިޔާރެއް މިއީ ފީ އެއް ނެގުން، އަދި އަޅުގަނޑުމެން ނަގާނެ ވަކި އަގެއްވެސް ކަނޑައެއް ނާޅަން، އެ ފީ އަޅުގަނޑުމެން ނިންމާނީ ޕަބްލިކާ މަޝްވަރާކުރުމަށް ފަހު" ރުކުމާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ފުރަތަމަ ފީނެގުމަށް ނިންމާފައިވަނީ ކޮމްޕެނީތަކުގެ އުނޅަދު ފަހަރުން ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި ހުރިހާ އުނޅަދަކުންވެސް ފީ ނަގާނެ ކަމަށެވެ.

އެއްގަމު އުޅަދު ޕާކް ކުރުމުގެ ގަވާއިދުގައި ބުނެފައިވަނީ ސިޓީ ކައުންސިލްތަކުން ޕާކް ކުރާ ޒޯންތަށް ކަނޑައަޅައިރު ހިލޭ ޕާކް ކުރެވޭނެ ތަންތަނާއި ވަކި ވަގުތެއްގައި ފީ ނެގޭ ޒޯންތަށް ކަނޑައެޅޭނެ އެވެ. އަދި ތަންތަން ކަނޑައެޅުމުގައި ގިނަ ބަޔަކު ޒިޔާރަތްކުރާ ސަރަހައްދުތަކުން ފީނަގައިގެން ޕާކް ކުރެވޭނެ ޒޯންތަށް ކަނޑައެޅުމާއި ނިސްބަތުން މަދު މީހުން ޕާކް ކުރަމުންދާ ހިސާބުތަކުގައި ހިލޭ ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިސްކަންދިނުމަށް ބުނެފައިވެ އެވެ.

އެ ގަވާއިދުގެ ދަށުން ފީގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނީ މޮޓޯ ސައިކަލާއި ސްކޫޓާ ފަދަ އުނޅަދުތަކުން ގަޑިއިރަކަށް 2 ރުފިޔާ އެވެ. އަދި މީހުން އުފުލުމުގައި ބޭނުންކުރާ ހަ މީހުންގެ ޖާގައިގެ އިންޖީނުލީ އުނޅަދަކަށް ގަޑިއިރަކަށް ފަސް ރުފިޔާ ނެގޭއިރު މީހުން އުފުލުމުގައި ބޭނުންކުރާ 10 މީހުނާއި 20 މީހުންގެ ޖާގައިގެ އިންޖީނުލީ އުނޅަދަށް އެއް ގަޑިއިރަށް ނެގެނީ 15ރ. އެވެ. އަދި މީހުން އުފުލުމުގައި ބޭނުންކުރާ އިންޖީނުލީ 20 މީހުންގެ ޖާގައިގެ އުޅަދަކުން ގަޑިއިރަކަށް ފީއެއްގެ ގޮތުގައި ނެގޭނީ 25ރ. އެވެ. އަދި އެއް ޓަނުގެ މުދާ އުފުލާ އުޅަދަކުން ގަޑިއިރަކަށް 15ރ. ނެގޭނެ ކަމަށް އެގަވާއިދުގައި ބުނެފައިވެ އެވެ.