23 Oct 2012, 12:38
މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް އެ ޓީމުގެ ހެޑް ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
ރޭ ވިކްޓަރީ އަތުން 4-3 އިން އޭވައިއެލް މޮޅުވެ، އެފްއޭ ކަޕްގެ ތިން ވަނަ މަގާމް ހޯދި މެޗަށް ފަހު ސަން އޮން ލައިނަށް ދިން އިންޓަވިއުގައި އާތީ ބުނީ، ވިކްޓަރީ ކަހަލަ ވަރުގަދަ ޓީމެއްގެ އަތުން މޮޅުވެ މުބާރާތުގެ ތިން ވަނަ މަގާމް ލިބުމުން އުފާވާ ކަމަށާއި މިއީ އޭވައިއެލްގެ ތާރީހުގައި ވެސް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.
"ޖުމްލަކޮށް މިސީޒަންގައި އޭވައިއެލް ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ. ސީޒަންގެ ކުރީކޮޅަށް ވުރެ، ފަހުކޮޅުގައި ޓީމުގެ ފަރާތުން ފެނިގެން ދިޔައީ މޮޅުކުޅުމެއް."އާތީ ބުންޏެވެ.
އާތީ ބުނީ، ރޭގެ މެޗުގެ ކުރީ ކޮޅު ވިކްޓަރީގެ މައްޗަށް ތިން ލަނޑުގެ ލީޑެއް ނެގުމުން ޓީމަށް އާ ހިތްވަރެއް ލިބުނު ކަމަށާއި އެހެން ނަމަވެސް ވިކްޓަރީން އޭވައިއެލް ކޮޅަށް ޖެހި ތިން ލަނޑަކީ ޓީމުގެ ބައެއް ކުޅުންތެރިންގެ ތަޖުރިބާ މަދުވުމުން ޖެހުނު ލަނޑުތަކެއް ކަމަށެވެ.
މީގެ އިތުރުން އާތީ ބުނީ، އަންނަ ސީޒަންގައި ކޯޗެއްގެ ގޮތުގައި ފެންނާނީ ކޮން ކުލަބަކުން ކަމެއް އަދި ބުނަން އަވަސް ކަމަށާއި އެހެން ނަމަވެސް އޭވައިއެލްގެ ކޯޗު ކަމުގައި އަދި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.