23 Oct 2012, 12:34
މި ސީޒަނުގައި ކުލަބް ޕީކޭގެ މައްޗަށް ހޯދި ތިން ވަނަ މޮޅާ އެކު ގައުމީ ވޮލީ ލީގުގެ ދެ ވަނަ ބުރުގެ ފެށުން ޕޮލިސް ކުލަބުން ރަނގަޅުކޮށްފި އެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މިމެޗު ގައުމީ ވޮލީ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ޕީކޭއާއި ވާދަކޮށް ޕޮލިސް ކުލަބުން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަށް ފަހު 27 ޕޮއިންޓް 25 ޕޮއިންޓުން ޕޮލިސް ކުލަބު ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓް ކާމިޔާބުކޮށްފައި ވަނީ ކުލަބު ޕީކޭ އިންނެވެ. މިސެޓް އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 15 ޕޮއިންޓް 25 ޕޮއިންޓުން ނެވެ. ތިން ވަނަ ސެޓް ވަރަށް ވާދަވެރި ކުޅުމަށް ފަހު 33 ޕޮއިންޓް 31 ޕޮއިންޓުން ޕޮލިސް ކުބަންކާމިޔާބުކުރި އިރު، މެޗުގެ ފަހު ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައި ވަނީ 25 ޕޮއިންޓް 11 ޕޮއިންޓުންނެވެ.
ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ މުޙައްމަދު ޝާއިންއެވެ.
ލީގުގެ ދެވަނަ ބުރުގައި ޕޮލިސް ކުލަބް ކުޅޭ ދެ ވަނަ މެޗުގައި މިރޭ ނުކުންނާނީ ވާދަވެރި ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. މެޗް ފަށާނީ މިރޭ 8:30 ގަ އެވެ.