23 Oct 2012, 11:42
ބަނގުރާ ފުޅިތަކަކާ އަދި ފުލުހުންނާއި ސިފައިންގެ ޔުނިފޯމްތަކެއް ގެންގުޅެނިކޮށް ފެނުނު ކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ހައްޔަރު ކުރި 11 މީހުންގެ ތެރޭ "މޯލްޑިވިއަން އައިކަން"ގައި ލަވަކިޔާ އަހުމަދު މަނިކު (ނަރޭ) ހިމެނޭކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.
އެކަން ވަނީ މޯލްޑިވިއަން އައިކަންގެ ޕްރޮޑިއުސަރު އާމިރު ސަލީމް ވެސް ކަށަވަރު ކޮށްދީފަ އެވެ. އޭނާ ބުނީ ލަރޭއާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ފުލުހުންގެ ފަރާތުން އެ މައްސަލަ ސާފުވުމުން ކަމަށެވެ. އަދި އެކަމުގައި އޭނާގެ ބައިވެރިވުމެއް އުޅޭ ނަމަ އޭނާ ޑިސްކޮލިފައި ކުރާނެ ކަމަށް އާމިރު ބުންޏެވެ.
މޯލްޑިވިއަން އައިކަންއަކީ ލަވަ ކިޔުންތެރިން އުފެއްދުމަށް ވީޓީވީ އިން ހިންގާ ޕްރޮގްރާމެކެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭ ތ. ތިމަރަފުށީ ކުޅިދޮށުގެ، އަހުމަދު މަނިކު (ނަރޭ) ހިމެނޭކަން ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ކަށަވަރުކޮށެއްނުދެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރު ކުރި 11 މީހުންގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ ތިން ދުވަސް ޖަހައިދީފަ އެވެ.
ފުލުހުންނާއި ސިފައިންގެ ޔުނީފޯމްތަކެއް ފެނިފައި ވަނީ ހ. ޕީޗްމެލްބާގެ ބަލާފާސްކުރިއިރު އެގޭގެ ތެރެއިންނެވެ.
ނަމަވެސް އެގެއަކީ ފުލުހަކު ވެސް އަދި ސިފައިންގެ މީހަކު ވެސް ދިރިއުޅޭ ގެއެއް ނޫންކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.
ޔުނީފޯމްތަކުގެ އިތުރަށް އެ ކޮޓަރި ތެރެއިން ދެ ފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައިވާ ފުޅިއަކާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ބޭނުންކޮށްފައި ހުރި ބިއްލޫރި ތަށިތަކެއް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެ ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރާއި 24 އަހަރާއި 33 އަހަރުގެ އިތުރުން 22 އަހަރާއި 19 އަހަރާއި 37 އަހަރުގެ ހަ އަންހެނުންނާއި 30 އަހަރާއި 33 އަހަރާއި 23 އަހަރާއި 20 އަހަރުގެ ތިން ފިރިހެނުންގެ އިތުރުން 16 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.