ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި ފިލާފައި ވާތީ ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި ފިލާފައި ވާތީ ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ ޗަރުކޭސީގޭ ޔާމީން އަހުމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ އޯގަސްޓް 5، 2009 ވަނަ ދުވަހު އޭނާ ދެ އަހަރަށް ޖަލަށް ލުމަށް ކުރީގެ ޖިނާއީ ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ޖުލައި 30، 2010 ވަނަ ދުވަހު އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮއްވާއި ފިލައިގެން ދިޔަ ކަމަށް އޭނާ ޝަރީއަތުގައި އިއުތިރާފް ވެފައިވާ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން އޭނާގެ މައްޗަށް ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.