ބަންގްލަދޭޝްގައި ހަތަރު ސަތޭކައަށް ވުރެ ގިނަ މީހުންނަށް އެންތުރެކްސް ޖެހި، ހަލުވިކަމާއެކު އެ ބަލި އަދިވެސް ފެތުރެމުންދާ ކަމުގެ އިންޒާރު ބަންގްލަދޭޝްގެ ހެލްތު އޮފިޝަލުން ދީފި  އެވެ.  


މިދިޔަ އޯގަސްޓް މަހުގެ ތެރޭ ބަންގްލަދޭޝްގެ ފަގީރު އަވަށްތަކުން ފެނުނު އެންތުރެކްސް ބަލި ކުރިން ހީކުރެވިފައި ނުވާ މިންވަރަށް ވަނީ މިހާރު އާއްމުވެފަ އެވެ. އެގޮތުން ފާއިތު މަސް ދުވަހުގެ ތެރޭގައި 447 މީހުންނަށް މި ބަލި ޖެހިފައިވާ ކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށް ބަންގްލަދޭޝްގެ ޑިސީސް ކޮންޓްރޯލާ ބެހޭ އިދާރާއިން ބުނެ އެވެ. މި ބަލި ޖެހިގެން އަދި އެއްވެސް މީހަކު މަރުވެފައި ނުވާ ނަމަވެސް، އަދިވެސް ބަލި ފެތުރެމުންދާ ކަމުގެ ބިރުހީވެފައިވާތީ، އެގައުމުގައި މިހާރު ވަނީ ރަތް އެލާޓް ނެރެފަ އެވެ.


މީހުންގެ މެދުގައި މި ބަލި ފެތުރެން ފެށީ، އެންތުރެކްސް ބަލިޖައްސާ ބެކްޓީރިއާ އަށަގެންފައިވާ ޖަނަވާރުތަކުގެ މަސް ކެއުމުން ކަމަށް ހެލްތު އޮފިޝަލުން ބުނެ އެވެ. އަދި ބަންގްލަދޭޝަކީ ވެސް މުސްލިމުން ގިނަ ގައުމަކަށްވެފައި، ނިމިގެންދިޔަ ރޯދަ މަހާއި އީދު ދުވަހު މުސްލިމުންގެ މެދުގައި ގިނަ ގެރިބަކަރި ފަދަ ޖަނަވާރުތައް ކަތިލާ ކެއުމުގެ ތެރޭގައި، މި ބަލިޖެހިފައިވާ ޖަނަވާރުތަކުގެ މަސް ކެއުމަކީ މި ބަލި ފެތުރެން ދިމާވި މައިގަނޑު އެއް ސަބަބު ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.


އެންތުރެކްސް ޖެހިފައިވާ ބައެއް ޖަނަވާރުތަކުގެ މަސް ހެޔޮއަގެއްގައި މާކެޓުތަކުގައި ވެސް ވިއްކަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، ކުރިއަށް އޮތްތަނުގައި ވެސް އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭތީ، ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީން ވަނީ، ޖަނަވާރުތަކުގެ ބަލީގެ ޚާއްސަ ޑޮކްޓަރުން އެންތުރެކްސް ބަލި އާއްމުވަމުންދާ އަވަށްތަކަށް ފޮނުވާ، މާކެޓުތަކުގައި ވިއްކަން ހުންނަ ޖަނަވާރުތަކާއި އެތަކެތީގެ މަހުގެ ބާވަތްތައް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފައި އެވެ.


ހަމައެއާ އެކު، އެ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ފަސް ލައްކައެއްހާ ވެކްސިން ޑޯޒް ހެލްތު މިނިސްޓްރީން ވަނީ ހޮސްޕިޓަލުތަކާއި ސިއްޚީ މަރުކަޒުތަކާ ހަވާލުކޮށްފަ އެވެ. އެހެންކަމުން، މިހާރު އަޅަމުންދާ އަވަސް ފިޔަވަޅު ތަކުގެ ސަބަބުން އެންތްރެކްސްގެ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ފުރުސަތު ކުޑަވެގެން ގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.


އެންތުރެކްސް ބަލީގެ އަލާމަތްތަކުގެ ތެރޭގައި، ނޭވާލާ ނިޒާމު ބަލިކަށިވުމާއި، ހަމުގައި ފާރުހެދުމާއި އަދި ބަނޑުގައި ވައިހެދި، ހޮޑުލާ އުނދަގޫވެ، ކާހިތްނުވުން ހިމެނޭ،  މި ބައްޔަށް އަވަހަށް ފަރުވާ ނުހޯދައިފިނަމަ، ފުރާނައަށް ނުރައްކާތެރިވުން އެކަށީގެންވެ އެވެ.