އެމްޑީޕީން އުތުރުގެ ރަށްތަކަށް ފަށާ، "ވައުދުގެ ދަތުރު" ނިންމާލާނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުލަތުން ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށްކުރާ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް މަޖުބޫރު ކުރުވާފައި ކަމަށް ބާރަށު ދާއިރާ މެންބަރު މުހަންމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އުތުރުގެ ރަށްތަކަށް ފަށަން ތައްޔާރުވަމުންދާ ވައުދުގެ ދަތުރަށް ތައްޔާރުވުމުގެ ގޮތުން އުސްފަސްގަނޑުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ އެ މައްސަލަ އަނބުރާ ނަގަން ޕީޖީ އަށް މަޖުބޫރު ނުކުރުވިއްޖެ ނަމަ ދަތުރުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އެންމެ ބޮޑު މައްސޫލިއްޔަތަކީ ގައުމުގެ ސުލްހަ މަސްލަސްކަން ދެމެހެއްޓުން ކަމަށްވާ އިރު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާ ބީރު ކަންފަތެއް ދެއްވައިގެން އެހެން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ޕީޖީއަށް ދެން ނުދެއްވާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޝަރުއީ ނިޒާމު އޮތީ ހަޑިވެ ނަޖިސްވެ ވެއްޔާއި މޮޑެވިފައި ކަމަށާއި އެ ނިޒާމުގެ ތެރޭގައި ތިއްބެވި ބައެއް ގާޒީންގެ އަމަލުތައް ހުރި ގޮތުން ރައްޔިތުން ވަނީ އިންސާފުން މަހުރޫމުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވައުދުގެ ދަތުރު ނިންމާލާނި ކެނެރީގޭ މުހައްމަދު ނަޝީދުގެ މައްޗަށް ކުރަން އުޅޭ ދައުވާ އަނބުރާ ނަގަން ޕްރޮސެކިއުޓާ ޖެނެރަލް އަށް މަޖުބޫރު ކުރުވާފައި. އެހެން ނޫނީ މި ދަތުރު ދިއުމުގެ ބޭނުމެއްނެތް. ގައުމުގައި އެންމެ ބޮޑު މައްސޫލިއްޔަތެއް އަދާކުރަން ޖެހޭ ފަރާތަކީ ޕްރޮސެކިއުޓާ ޖެނެރަލް. އެމަނިކުފާނުގެ އެންމެ ބޮޑު މައްސޫލިއްޔަތަކީ ގައުމުުގެ ސުލްހަ މަސްލަހަތު ދެމެހެއްޓުން. އެކަމަށް ބީރު ކަންފަތެއް ދީގެން އަނދިރި ލޮލެއް ދިއްކޮށްގެން ހުރެ އިތުރަކަށް ކަންތައްތައް ކުރާކަށެއް އަޅުގަޑުމެންނެއް ދެނެއް ފުރުސަތެއް ނުދޭނަން،" ޝިފާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރެވޭ މަސައްކަތަކީ ރައްޔިތުންނަށް ޓަކައި ކުރަމުންގެންދާ މަސައްކަތެއް ކަމަށާއި، އެޕާޓީ ނޫން އެހެން ބަޔަކު ގައުމަށް ހެވެއް އެދިގެން އެއްވެސްކަމެއް ނުކުރާނެ ކަމަށެވެ.

އަނެއްކާވެސް ވައުދުގެ ދަތުރަށް އެ ޕާޓީން އަރަނީ ދިވެހި ރާއްޖޭގައި އޮތް ޚުދުމުހުތާރު ސަގާފަތް ވޯޓަކުން ނެތިކޮއްލާ ޑިމޮކްރެސީގެ ރީތި އުސޫލުތައް ތައާރަފްކޮށް ރައްޔިތުންނަށް ދުޅަހެޔޮ އަމާން ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށްވެސް ޝިފާޒް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ކުށް ނުކުރާ މީހަކު ޤާނޫނާއި ޚިލާފަށް ގަސްތުގައި ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ކ. ގިރިފުށީގައި ބަހައްޓާފައި ވާތީ އެވެ.

ނަޝީދުގެ ޝަރީއަތެއް ދެން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.