23 Oct 2012, 09:22
ފްލޮރިޑާ (އޮކްޓޯބަރ 23): އެމެރިކާގެ މިއަހަރުގެ ރިޔާސީ ރޭހުގެ އެންމެ ފަހުގެ ޓީވީ ބަޙްސުގައި ރައީސް ބަރަކް އޮބާމާ އާއި އޭނާގެ ވާދަވެރިޔާ މިޓްރޮމްނީ ސޫރިޔާގެ މައްސަލަ އާއި ލީބިޔާގެ މައްސަލަ އާއި އަދި އަލްގާއިދާގެ މައްސަލަތަކުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ބަހުގެ ޙަމަލާތައް ދެއްވައި ތުހުމަތުތަކެއް ކުރައްވައިފި އެވެ.
މި ބަހުސް އޮތީ ފްލޮރިޑާގެ ބޮކާ ރޭޓަންގައި ހުންނަ ޔީލް ޔުނިވަސިޓީގެ ހޯލްގަ އެވެ. މިބަހުސްގައި ރޮމްނީ ވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އޮބާމާ ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އޮބާމާވަނީ ޚާރިޖީ ސިޔާސަތުގައި އޭނާ ކާމިޔާބު ހޯއްދަވައި އެމެރިކާ އަށް އަމާންކަން ހޯއްދަވައި ދެއްވާފައިވާ ކަމަށާއި ޚާރިޖީ ސިޔާސަތު ރޮމްނީ އަށް ރަނގަނޅަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އޮބާމާ ވިދާޅުވީ ރޮމްނީ ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ވެރިކަމުގައި އެމެރިކާ ހަނގުރާމަތަކެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމުގަ އެވެ.
މިގޮތުން އިރާގުގައި ފަނާކުރަނި ހަތިޔާރު ހުރިކަމަށް ބުނެ ރިޕަބްލިކަން ޕާޓީގެ ވެރިކަމުގައި ނިންމި ހަނގުރާމައިގެ ނިންމުންތަކަކީ ވަރަށް ދެރަވަރުގެ ނިންމުންތަކެއް ކަމަށާއި މިކަމުގެ ސަބަބުން އެމެރިކާ އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އޮބާމާ ތުހުމަތުކުރެއްވި އެވެ. އަދި ރޮމްނީގެ ޚާރިޖީ ވިސްނުން ހުރީ މިފަދަ ގޮތަކަށް ކަމަށްވެސް އޮބާމާ ތުހުމަތު ކުރެއްވި އެވެ. ރޮމްނީ ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި މީހުންގެ ޝިކާރައަކަށް އިސްލާމީ ދުނިޔެ ވެފައިވާ އިރު މިކަމުގައި އިސްލާމީ ދުނިޔެ އަށް އެހީތެރިވުމުގައި އޮބާމާ ފޭލްވެވަޑައިގެންފައިވާ ކަމުގަ އެވެ. މިކަމުގެ މިސާލަކަށް ރޮމްނީ ލީބިޔާ ނެންގެވި އެވެ. އަދި އެމެރިކާ އަށް ރައްކާތެރިކަން ހޯދޭނީ ހަމައެކަނި މީހުންމަރައިގެން ނޫންކަމަށާއި އެނޫން ސްޓްރެޓެޖީއެއް ވެސް ބޭނުންވާކަމަށާއި މިކަމުގައި އޮބާމާ ކާމިޔާބު ނޫންކަމަށް ރޮމްނީ ތުހުމަތު ކުރެއްވި އެވެ.
ރޮމްނީ ވިދާޅުވީ 12 ޤައުމެއްގައި އަލްޤާއިދާ ޙަރަކާތްތެރިވަމުންދާ ކަމަށާއި އޮބާމާގެ ސިޔާސަތުތައް ކާމިޔާބު ނަމަ މިހެން ނުވީސް ކަމުގަ އެވެ. މިބަހުސްގައި ދެ ބޭފުޅުން ވެސް ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްރާއީލުގެ ހަރުކަށި އިސްތިޢްމާރީ ޙަރަކާތްތައް ދިފާޢުކުރައްވައި އިސްރާއއީލުގެ ޙިމާޔަތުގައި ވާހަކަ ދައްކަވާފަ އެވެ. މިއީ އެމެރިކާގެ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ އެނެމް ފަހު ބަޙުސް އެވެ. (ނޫސްއެޖެންސީތައް)